ކުޅިވަރު

ދުނިޔޭގެ ސްޕޯޓްސް ފޯރަމަށް މިނިސްޓަރު އިރުތިޝާމް

ޖަޕާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ސްޕޯޓްސް އެންޑް ކަލްޗާ ފޯރަމްގައި ރާއްޖޭގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ 36 ގައުމެއްގެ ޔޫތު މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވާ ފޯރަމްއަކީ ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ވަރަށް މުހިންމު ފޯރަމަކަށް ވެގެންދާނެ ކަމަށެވެ.

ފޯރަމްގައި ރާއްޖޭގެ ޒުވާނުންގެ ދާއިރާއާއި ކުޅިވަރު ދާއިރާ ތަރައްގީ ކުރުމަށް ޖަޕާންގެ ކުޅިވަރު މިނިސްޓްރީގެ ވަޒީރުން ފެންވަރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދާ ބައްދަލުވުމުގައި ޖަޕާނުގެ މިނިސްޓީރިއަލް ފެންވަރުގެ ބޭފުޅުންނާ ބައްދަލުވެ އަދި އޭގެ އިތުރުން ވެސް އެހެން ގައުމުތަކުގެ ވަޒީރުންނާ ސްޕޯޓްސް މިނިސްޓަރުންނާ ބައްދަލުވެ ރާއްޖޭގެ ޒުވާނުންނާއި އެތުލީޓުން ތަމްރީން ކުރުމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބިގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މި ފޯރަމްގައި މިނިސްޓަރު އިރުތިޝާމް ތަގްރީރު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. "މިނިސްޓްރީއަލް މަލްޓިލެކްޗަރަލް މީޓިންއެއްގައި އަޅުގަނޑުމެންނަށް ވާހަކަ ދައްކަން ފުރުސަތު ލިބޭ. އަދި ދިވެހިރާއްޖޭގެ ފަރާތުން ރާއްޖޭގެ ސްޓޭޓްމެންޓް އަޅުގަނޑު ޑެލިވާ ކުރާނަން" މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ ފޯރަމްގެ އިތުރުން ސްޕޯޓްސް އާއި ކަލްޗާ ދާއިރާއިން ހުރި ވަކި ސެގްމެންޓްތަކުގައި ރާއްޖެއަށް މުހިންމުވާ ކަންކަމަށް ރިޔާޔަތްކޮށް ރާއްޖެއިން އެދާއިރާތައް ތަރައްގީ ކުރުމަށްވެސް އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ.

މާދަމާ ފަށާ ފޯރަމުގައި ބައިވެރި ވުމަށް ތިން ދުވަހަށް މިނިސްޓަރު ޖަޕާނަށް ވަޑައިގަންނަވާއިރު، 2020 ގައި އޮންނަ ޓޯކިޔޯ އޮލިމްޕިކްސްއަށް ތައްޔާރުވުމުގައި ރާއްޖެއަށް އެހީތެރިކަން ހޯދުމަށް، މަޝްވަރާ ކުރައްވާނެ ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.