ދުނިޔެ

ޖާސޫސީ މައުލޫމާތު ލޯބިވެރިޔާ އަށް ދިން ކަމަށް ސީއައިއޭގެ ކުރީގެ ވެރިޔާ އެއްބަސްވެއްޖެ

Mar 4, 2015

އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ)ގެ ކުރީގެ ވެރިޔާ ޑޭވިޑް ޕެޓްރަސް އޭނާގެ ލޯބިވެރިޔަކާ ޖާސޫސީ މައުލޫމާތު ހިއްސާކުރި ކަމުގެ ތުހުމަތުގައި ފެށި ތަހުގީގުގައި އޭނާ އެކަމަށް އެއްބަސްވެއްޖެ އެވެ.

ހަތަރު ތަރީގެ ޖެނެރަލެއް ކަމަށްވާ ޕެޓްރަސް 2012 ވަނަ އަހަރު ސީއައިއޭގެ ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ ބަޔޮގްރަފީ ލިޔާ މީހާ އެކު ނަހަމަ ގުޅުންތަކެއް ހިންގާކަން ފަޅާއަރައިގެންނެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ޕެޓްރަސްގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އެއްބަސް ވެވަޑައިގަތުމާ ބެހޭ ލިޔެކިޔުންތައް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. ޕެޓްރަސް މިގޮތަށް އެއްބަސްވެ ވަޑައިގަތުމުން އޭނާގެ މައްސަލަ އިތުރަށް ބެލުމަށް ކޯޓުގައި މައްސަލަ ކުރިއަކަށް ނުގެންދާނެ އެވެ.

ނިއު ޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުގައި ޕެޓްރަސް އެއްބަސްވި ކުށުގެ އަދަބަކީ ގިނަވެގެން އެއް އަހަރު ދުވަހަށް ޖަލަށް ލުމެވެ.

ޕެޓްރަސް އަކީ އެމެރިކާ އިން މި ފަހުން ކުރި ހަނގުރާމަތަކުގެ ތެރޭގައި އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ އެވެ. އަދި އޭނާ އަކީ ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓް ކަމަަށް ވާދަކުރައްވާނެ ބޭފުޅެއް ކަމަށް ވެސް ކުރިން ބެލެވުނެވެ.

ޕެޓްރަސްގެ ބަޔޮގަރްފީ ލިޔުނު ޕައުލާ ބްރޯޑްވެލްއާ ގުޅުންތަކެއް ހިންގިކަން ފަޅާ އެރީ ޕެޓްރަސްގެ އެކުވެރިޔަކު ހުށަހެޅި މައްސަލަޔަކާ ގުޅިގެން އެފްބީއައި އިން ހިންގި ތަހުގީގަކުންނެވެ. މިކަން ފަޅާއަރައިގެން އިސްތިއުފާ ދެއްވި އިރު ވިދާޅުވެފައި ވަނީ އެ ގުޅުން ބޭއްވި ކަމަށާއި އެކަމަކު ގާނޫނާ ހިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. --ބީބީސީ