ޕްރެމިއާ ލީގުގައި ކުރިއަށް ޗެލްސީ މެޗު އޮތްނަމަވެސް ޔޫރޮޕާ ލީގުގައި މިރޭ ފެނަބާޗޭއާ ދެކޮޅަށް ނެރޭނީ ވަރުގަދަ ޓީމެއް ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ ހަ ދުވަހުގެ ތެރޭގައި ތިން މެޗު ކުޅެން ޖެހުމުންނެވެ. ޔުނައިޓެޑް ވަނީ މިދިޔަ ހޯމަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅެފަ އެވެ. މިރޭގެ މެޗަށް ފަހު މޮރީނިއޯގެ ކުރީގެ ޓީމު ޗެލްސީއާ ދެކޮޅަށް ކުޅޭނީ އާދީއްތަ ދުވަހު އެވެ.
"މިއީ ވަރަށް ވަރަށް އުނދަގޫ ހަފުތާއެއް. ހޯމަ، ބުރާސްފަތި އަދި އާދީއްތަ ދުވަހު މެޗުތައް ކުޅެން މިޖެހެނީ. ލިވަޕޫލާއި ފެނަބާޗޭ އާއި ޗެލްސީއާ ދެކޮޅަށް. މިއީ ވަރަށް ހާއްސަ ހަފުތާއެއް. އަހަރުމެން ވަރަށް ތައްޔާރުވާންޖެހޭ،" މޮރީނިއޯ ބުންޏެވެ.
މި މެޗުގައި ކެޕްޓަން ވޭން ރޫނީ ފުރަތަމަ 11ގައި ކުޅޭނެތޯ އެހުމުން މޮރީނިއޯ ބުނީ އޭނާގެ ޓީމު ނޫސްވެރިންނަށް މިފަހަރު ކިޔާނުދޭނެ ކަމަށެވެ.
"ބައެއް ފަހަރު އަހަރެން ޓީމު ކިޔާދެން. އެކަމަކު މިފަހަރު ކިޔާނުދޭނަން. ވޭން ރޫނީ އަންނަނި ވަރަށް ރަނގަޅަށް ތައްޔާރުވަމުން. އޭނާ އަކީ މުހިންމު ކުޅުންތެރިއެއް. އޭނާ ވަރަށް ރަނގަޅަށް ފަރިތަކުރޭ،" މިދިޔަ ތިން މެޗުގައި ވެސް ފުރަތަމަ 11ގައި ނުހިމަނާ ބެންޗުގައި ބޭންދި ފޯވަޑާ ބެހޭ ގޮތުން މޮރީނިއޯ ބުންޏެވެ.
ނަމަވެސް އަނިޔާ އަށް ފަހު ހެންރިކް މިކަތަރްޔާން މިރޭގެ މެޗުން ފެނުމުގެ ފުރުސަތު އޮތްކަން މޮރީނިއޯ ޔަގީންކޮށްދިނެވެ.
ވެންޕާސީ އަލުން އޯލްޑް ޓްރެފަޑަށް
މިރޭގެ މެޗަކީ މެންޗެސްޓާ ޔުނައިޓެޑާ ދޫކޮށްދިޔަ ފަހުން ނެދަލޭންޑްސްގެ ފޯވަޑް ރޮބިން ވޭންޕާސީ ޔުނައިޓެޑްގެ ދަނޑުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އުމުރުން 33 އަހަރުގެ ވެންޕާސީ އަކީ 2012 ވަނަ އަހަރު އާސެނަލްގެ ކެޕްޓަންގެ ގޮތުގައި ހުއްޓައި ސާ އެލެކްސް ފާގަސަން ޔުނައިޓެޑަށް ގެނައި ކުޅުންތެރިއެކެވެ. ނަމަވެސް ވެންޕާސ މޮޅަށް ކުޅުނު ފުރަތަމަ ސީޒަނަށް ފެހު ފާގަސަން ވަނީ ރިޓަޔާކޮށްފަ އެވެ.
ފާގަސަން ކޯޗަކަށް ހުރިނަމަ އޭނާ އަދިވެސް ޔުނައިޓެޑުގައ ހުންނާނެތޯ އެހުމުން ވެންޕާސީ ބުނީ ޔުނައިޓެޑަށް ދިޔައީ އެވިސްނުމުގައި ކަމަށެވެ.
"އަހަރެން ހީކުރީ އޭނާ އަދި ދެތިން އަހަރު ކޯޗުކަމުގައި ހުންނާނެ ކަމަށް. އެކަމަކު ކިހިނެތްވީ. ކިހިނެތްވީ. ސަލާމްކޮށްފައި ދާން ޖެހުމަކީ ފުޓްބޯޅައިގައި އޮންނަ އުސޫލު. އަހަރެން އެކަން ގަބޫލުކުރިން،" ވެންޕާސީ ބުންޏެވެ.
ތުރުކީން ފުރައިގެން އިނގިރޭސިވިލާތަށް ފެނަބާޗޭ ދާން އޮތް ފްލައިޓް ދިޔައީ ކުރިން ހަމަޖެހިފައިވާ ވަގުތަށްވުރެ ލަހުންނެވެ. އެއީ ބޯޓުގައި ދޫންޏެއް ޖެހި ކުއްލި ހާލަތުގައި ޖައްސަންޖެހުމުންނެވެ.