ހަބަރު

އެއާޕޯޓްގެ ރާޑަރު އެހެން ތަނަކަށް ބަދަލު ކުރަނީ

Oct 20, 2016

އެއާޕޯޓް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓާ ރާޑަރު ހުރިތަން އެހެން ތަނަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ބައިނަލް އަގުވާމީ އެއާޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަ ކުރުމަށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓް އާ ޓާމިނަލް އާއި އާރަންވޭގެ އެހެން ވެސް ވަސީލަތްތައް ގާއިމް ކުރާއިރު، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަށް ވެސް ބަދަލުތަކެއް ގެންދާނެ ކަމަށެވެ.

"މި ބަދަލު ގެންނައިރު އޭޓީސީ [އެއާޓްރެފިކް ކޮންޓްރޯލް] ވެސް ހިމެނޭ. ނަމަވެސް ސީދާ މައިގަނޑު ދެ ޕްރޮޖެކްޓުގައި ނުހިމެނުނު ނަމަވެސް އަޕްގްރޭޑް ކުރުން ހިމެނޭ. ހާއްސަކޮށް މި ޕްރޮޖެކްޓް ނިމޭއިރު ރާޑާ އެބަޖެހޭ ހުރިތަން ބަދަލު ކުރަން،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާޑާ ބަދަލު ކުރުމުގެ ގޮތުން ކުރަން ޖެހޭ ބައެއް މަސައްކަތްތައް މިހާރުވެސް ފެށިފައިވާ ކަމަށެވެ.

"މި މަސައްކަތުގެ އިދާރީ ކަންތައްތައް މިހާރުވެސް ފަށައި ގަނެގެން ކުރިއަށް މި ގެންދަނީ. އިރާދުކުރެއްވިއްޔާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އާރާޑަރާ ގުޅޭ ބަޔަކު އައްޔަންކޮށް މަސައްކަތް ކުރެވޭނެ. މިހެން މި ބުނީ އާ ރަންވޭ ނިމޭއިރު ކުރިއަށް އޮތް ދޮޅު އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމައި ފުރިހަމަ ކުރަން ޖެހޭނެ،" އާދިލް ވިދާޅުވި އެވެ.

އައިއެންއައިއޭ ތަރައްގީ ކުރަނީ 800 މިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ތެރެއިންނެވެ. އެ މަޝްރޫގެ ތެރެއިން ޒަމާނީ ޓާމިނަލް އަކާއި މުޅިން އާ ރަންވޭއެއް އަދި ޒަމާނީ ފިއުލް ފާމާއި އެހެނިހެން ވެސް ވަސީލަތްތައް އާ ކުރަން ނިންމާފައިވާ އިރު، ސައުދީ ފަންޑާއި ޗައިނާގެ އެގްޒިމް ބޭންކުން ވެސް އެ މަޝްރޫއަށް ލޯނު ނަގަން ވަނީ ހަމަޖެހިފަ އެވެ. އަދި ސައޫދީ ބިންލާދީން ގްރޫޕާ ހަވާލުކޮށްފައިވާ އާ ޕެސެންޖަރު ޓާމިނަލްގެ މަޝްރޫއުގެ އަގަކީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރެވެ.

ތަރައްގީއާ އެކު އެއާޕޯޓް

  • އާ ޓާމިނަލްގެ ބޮޑުމިން: 90،000 އަކަ މީޓަރު
  • ދަތުރުވެރިންގެ އަދަދު: 7.2 މިލިއަން
  • އާ ރަންވޭގެ ދިގުމިން: 3400 މީޓަރު
  • އާ ރަންވޭގެ ފުޅާމިން: 60 މީޓަރު
  • އަލަށް ހަދާ ފިއުލް ފާމްގެ ކެޕޭސިޓީ: 48 މިލިއަން ލީޓަރު
  • ޓާމިނަލްގައި ބަހައްޓާ އެއިރޮބްރިޖްގެ އަދަދު: 9

ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން، ގަލްފް ކޮބްލާ ކުންފުނިން މިހާރު ގެންދަނީ 3400 މީޓަރު ދިގު، 65 މީޓަރު ފުޅާ، ރަންވޭއެއް ހިއްކަމުންނެވެ. ރަންވޭ އަޅާ ސަރަހައްދުގެ 30 ޕަސެންޓް ނިމިފައިވާއިރު، އާ ރަންވޭ އެޅުމަށް ގާތްގަނޑަކަށް 62 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އާ ރަންވޭ އެޅުމަށް ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ. މީގެ ތެރެއިން 373 މިލިއަން ޑޮލަރު ޗައިނާގެ ލޯން އެހީގެ ގޮތުގައި ވަނީ ހޯދާފަ އެވެ.

މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ފެށިފައިވާ އިރު އެ މަޝްރޫއު ނިމޭނީ 2018 އަށެވެ.