ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

"ދިވެހި އެއާ ޓްރެފިކް ކޮންޓްރޯލަރުން ރާއްޖެ ދޫކޮށް ދިއުމަކީ ދެރައެއް"

Oct 20, 2016
3

ދިވެހި އެއާ ޓްރެފިކް ކޮންޓްރޯލަކުން ރާއްޖެއިން ތަމްރީންވުމަށްފަހު، އެހެން ގައުމުތަކަށް ދިއުމަކީ އެއާޕޯޓުގެ މަސައްކަތަށް ލިބިގެންދާ ދެރައެއް ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެއާޕޯޓް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަ ކުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އާދިލް ވިދާޅުވީ އެއާ ޓްރެފިކް ކޮންޓްރޯލަރުގެ ވަޒީފާއަކީ އާއްމު ވަޒީފާތަކާ މުޅިން ތަފާތު ވަޒީފާއެއް ކަމަށާއި، މި ވަޒީފާ ލިބުމަށްފަހު، އަގު ބޮޑު ގިނަ ތަމްރީން ތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.

"އެހެން ދާއިރާތަކުގައި ވެސް ޓްރޭނިން މުހިންމު. ނަމަވެސް މި ދާއިރާގެ ޓްރެއިނިން ތަފާފުވާ ސަބަބަކީ ވަޒީފާ އަދާ ކުރެވޭނީ މި ޓްރެއިނިން ލިބިގެން. ނަމަވެސް ކޮންޓްރޯލަރުނަށް އެކި ދިމަދިމާލުން ފުރުސަތުތައް ލިބޭތީ ދޭ ބޭނުން ކުރަމުން. އެހެން ދިއުމަކީ އަޅުގަނޑު ދަންނަވާނީ މަސައްކަތައް ލިބޭ ދެރައެކޭ. މިހެން މި ދަންނަވާ ސަބަބަކީ ޓްރެއިނިން ނިމުމުން ދިއުމުން،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އެހެންވިސްނުމަކުން ބަލާނަމަ ދިވެހި އެއާޓްރެފިކް ކޮންޓްރޯލަރެއް އެހެން ގައުމުތަކުގައި ވަޒީފާއަދާ ކުރުމަކީ ރާއްޖެ އަށް ލިބޭނެ ރީތި ނަމެއް ކަމަށެވެ.

"އަޅުގަނޑު ދެކެނީ މީގެ އަނެއް ކޮޅަށް ވެސް ވިސްނާލުމަށް. ރާއްޖޭން ތަމްރީން ވެފައި ދުނިޔޭގެ އެހެން ގައުމެއްގެ ގައުމެއްގައި މަސައްކަތް ކުރުމަކީ ގައުމަށް ވެސް އަދި އެއާޕޯޓްސް ކޮމްޕެނީއަށްވެސް ލިބޭ ފަހުރެއްގެ ގޮތުގައި ވިސްނަން،" އާދިލް ވިދާޅުވި އެވެ.

އެއާ ޓްރެފިކް ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލާސް އެސޯސިއޭޝަން ( މަޓްކާ) ގެ ރައީސް ސައްދާމް އަހުމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދަކީ ބޮޑު ވައިގެ ސަރަހައްދެއް ކަމަށާއި، މިކަން ކުރަނީ ދިވެހިން ކަމަށެވެ.

"ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭ ކޮންޓްރޯލަރުން މި މަސައްކަތް ކުރަނީ. ރާއްޖެ އަންނަ ބޯޓު ފަހަރަށް ފުރަތަމަ މަރުހަބާ ކިޔަނީވެސް ދިވެހި އެއާ ޓްރެފިކް ކޮންޓްރޯލަރުން އަދި އަލްވަދާއު ކިޔަނީވެސް އަޅުގަނޑުމެން،" ސައްދާމް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ވަނީ އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ރަސްމީކޮށް ހުޅުވައި، މުޅިން އާ ސެކްޓާއެއް ބަލަހައްޓަން ފަށާފަ އެވެ. އަދި މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮންޓްރޯލް ޓަވަރު ދައްކާލުންވެސް ބާއްވާފައިވެ އެވެ.