ހަބަރު

ރައީސް ޔާމީންގެ ފަހަތުގައި ދެމި ތިބޭނަން: އެމްޑީއޭ

Oct 20, 2016
3

ސަރުކާރާ އެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރާ، އެމްޑީއޭ އިން ރައީސް އަބްދުﷲ ޔާމީން އަށް ތާއީދު ކުރަން އެ ޕާޓީގެ ކައުންސިލުން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.

ދަރުބާރު ގޭގައި މިއަދު ބޭއްވި އެމްޑީއޭގެ، ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު، އަލީ މައުރޫފް ވިދާޅުވީ 2013 ވަނަ އަހަރު ޕީޕީއެމްއާއެކު އެ ޕާޓީއިން ކޯލިޝަންއެއްގެ ގޮތުގައި އޮތުމަށްވި އެއްބަސްވުމައިގެން ކުރިޔަށްދާނެ ކަމަށާއި މިހާރު އެ ޕާޓީ ދެ ފަޅިވެފައިވީ ނަމަވެސް އަސްލު ޕީޕީއެމްއަކީ ރައީސް ޔާމީންގެ ދަށުން ހިންގަވާ ފެކްޝަން ކަމަށް ކައުންސިލުން ފުރިހަމަ އިއްތިފާގުން ފާސްވެފައިވާ ކަމަށެވެ.

"ސިޔާސީ މަސްރަހަކީ އެކި ގޮތްގޮތައް ދައުރުވާ އެއްޗެއް. އަދި އަޅުގަނޑުމެން ރައީސް ޔާމީންއާ އެކީ މިތިބީ. އަޅުގަނޑުމެންނަކީ އަތޮޅުތަކުގެ ތެރޭގައި ވަކި ދާއިރާތަކަށް ވަރަށް ވަރުގަދަ ޕާޓީއަކަށް ވާތީ ރައްޔޮތުންގެ އިހުސާސްތަކާ އެއް ގޮތަށް މަސައްކަތް ކުރަމުން މިދަނީ،" މައުރޫފް ވިދާޅުވި އެވެ.

ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް މައުމޫން ވަނީ އެމްޑީއޭގެ ލީޑާ ސިޔާމްއަށް ސިޓީފުޅެއް ފޮނުވާފަ އެވެ. އެކަމާ ގުޅިގެން މައުރޫފް ވިދާޅުވީ އެމްޑީއޭއިން ރައީސް މައުމޫން އަދި ރައީސް ޔާމީންއާ ވެސް ބައްދަލު ކުރަން ބޭނުން ނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް މައުމޫން އެދިފައި ވަނީ ސީދާ ސިޔާމްއާ ބައްދަލު ކުރައްވަން ކަމަށާއި އެހެންކަމުން އެ ނިންމުން ނިންމާނީ އެމަނިކްފާން ކަމަށް މައުރޫފް ވިދާޅުވި އެވެ.

އެހެން ނަމަވެސް ޕީޕީއެމްގެ މުސްތަޝާރުގެ ފަރާތުންނާއި އެ ޕާޓީގެ ރައީސް މައުމޫންގެ ފަރާތުންވެސް ކައުންސިލް އިންތިހާބުގައި އެމްޑީއާ ގުޅިގެން މަސައްކަތް ކުރުމަށް ކުރުމަށް ސިޓީ ލިބިފައިވާ ކަމަށެވެ. އެ ދެ ސީޓީވެސް އެމްޑީއޭގެ ކައުންސިލަށް ހުށަހެޅުއްވި ކަމަށާއި އަދި އިއްތިފާގުން ފާސްވީ ރައިސުލްޖުމްހޫރިއްޔާއާ އެކު މަސައްކަތް ކުރުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ.