އެމްޑީއޭ

މަޝްވަރާގައި އެމްޑީއޭއިން ބައިވެރިވާ ބޭފުޅުން ކަނޑައަޅައިފި

ސަރުކާރުން އިސް ނަގައިގެން ކުރިޔަށް ގެންދާ އޯލް ޕާޓީ ޓޯކްސްގައި އެމްޑީއޭ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނެ މެންބަރުން އެ ޕާޓީ ކައުންސިލުން ފާސްކޮށްފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރަންސްގައި ސަރުކާރުގެ ކޯލިއުޝަން ޕާޓީ، އެމްޑީއޭއިންގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު، އަލީ މައުރޫފް ވިދާޅުވީ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އޯލް ޕާޓީ ޓޯކްސްއަށް ވަޑައިގަތުމަށް އެ ޕާޓީ ފަރާތުން ތިން ބޭފުޅަކު ކަނޑައަޅައި ރޭ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އެ ފަރާތްތަކަކީ މައުރޫފާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އަދި އެޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ އެވެ.

މައުރޫފް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ސިޔާސީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އޯލްޕާޓީ ޓޯކްސް ކުރިޔަށް ގެންދިޔުން ކަމަށާއި އިދިކޮޅު ފަރާތްތައް ވެސް އެކަމާ ދޮކޮޅު ނުހަދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. މި ފަހަރުގެ މަޝްވަރާތަކުގައި ރަނގަޅު ނަތީޖާ ހާސިލް ވެގެންދާނެ އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ސަރުކާރުގެ ވިސްނުމަކީ ހުރިހާ ޕާޓީތަކުން އެއްބައިވެގެން ރާއްޖޭގެ ތަރައްގީއަށާއި ހަމަޖެހުން ގެނައުމަށްޓަކައި މަޝްވަރާ ކުރުން. އެކަން ކުރުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" މައުރޫފް ވިދާޅުވި އެވެ.

މަޝްވަރާތަކުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅަން ޖެހޭނީ އެ ޕާޓީއެއްގެ ކައުންސިލުން ފާސްކޮށްގެން ކަމަށް ރައީސް އޮފީހުން ނިންމާފައިވާ އިރު ޕީޕީއެމް ފަރާތުން ރައީސް ޔާމީން ފެކްޝަނުން ވަނީ ނައިބު ރައީސް އަބްދުއް ރަހީމްއާއި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ހަމަޖައްސާފަ އެވެ. ނަމަވެސް މައުމޫން ފެކްޝަނުން ވަނީ މަޝްވަރާތަކުގައި ބައިވެރިވާނީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި ފާރިސް މައުމޫން ކަމަށް ބުނެފަ އެވެ.