ހަބަރު

ރާއްޖޭގެ މައްސަލަތައް މަޝްވަރާގެ މަތިން ހައްލު ކުރުމަށް އޮސްޓްރޭލިއާ އިން ގޮވާލައިފި

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ މައްސަލަތައް މަޝްވަރާގެ މަތިން ހައްލުކުރުމަށް އޮސްޓްރޭލިއާއިން ގޮވާލައިފި އެވެ.

ސްރީލަންކާގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީން އިއްޔެ ނެރެފައިވާ ބަޔާނެއްގައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެކަމާ އެ ގައުމުން ވަރަށް ކަންބޮޑުވާ ކަމަށާއި ހުރިހާ ފަރާތްތަކުން މަޝްވަރާގެ އުސޫލުން ކަންކަން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އޮސްޓްރޭލިއާ އަކީ ރާއްޖެއާ އަވަށްޓެރި ގައުމަކަށް ވުމުގެ އިތުރުން އެ ދެ ގައުމަކީ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވާތީ ރާއްޖޭގައި ހަމަޖެހުން ގާއިމްކޮށް، ޑިމޮކްރަސީ ހަރުދަނާ ކުރަން އޮސްޓްރޭލިއާއިން ވަރަށް އިސްކަން ދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތާ ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށްފައިވާތީ ބައިނަލްއަގްވާމީ ފަރާތްތަކުގެ ލޯ ރާއްޖެއަށް ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށް ވާ އިނގިރޭސިވިލާތާއި އެމެރިކާގެ އިތުރުން އިންޑިއާ ހިމެނެ އެވެ.