މޫސާ ޒަމީރު

ޒަމީރަށް ނައިބު ރައީސްކަން، އިލްހާމާއި ރިޔާޒް ކައުންސިލަށް

Oct 20, 2016
1

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ހޮވައިފި އެވެ. އެ މަގާމަށް ޒަމީރު ހޮވީ މިރޭ އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ.

އެ މަގާމަށް ޒަމީރު ގެންނެވި އިރު ޕާޓީގެ ރައީސް، މައުމޫނުގެ ފެކްޝަނުން ވެސް ވަނީ ކޯޓް އަމުރެއް އޮއްވާ، އަދި ޕާޓީގެ ކަންކަމުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް ކޯޓުން އަންގާފައިވާ އެންގުމަށް ނިމުމެއް ނާންނަނީސް ޕާޓީއަށް ދެ ނައިބު ރައީސަކު ހޮވާފަ އެވެ.

މައުމޫން ފެކްޝަނުން ނައިބު ރައީސުންގެ ގޮތުގައި ހޮވާފައިވަނީ ކައުންސިލް މެންބަރު އައިމިނަތު ނާދިރާ އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ވައްޑޭ) އެވެ.

ޒަމީރު މިރޭ ނައިބު ރައީސްއަކަށް އައްޔަންކުރެއްވިއިރު، ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުލް ރަހީމް އަބްދުﷲ އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

މިރޭ ރައީސް ޔާމީންގެ ރިޔާސަތުގައި ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ކައުންސިލަށް ވެސް ވަނީ ދެ ބޭފުޅަކު އައްޔަންކޮށްފަ އެވެ. އެއީ، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި މިރޭ ޕީޕީއެމްއާ ގުޅިވަޑައިގަތް ދަގަނތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ.