ވިޔަފާރި

ގެސްޓްހައުސް މެގަޒިންގެ ތިންވަނަ އަދަދު ނެރެން ތައްޔާރު ވަނީ

Oct 22, 2016

ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރީގެ މައުލޫމާތު ހިމެނޭ ގެސްޓްހައުސް މެގަޒިންގެ ތިންވަނަ އަދަދު ނެރެން ތައްޔާރު ވާން ފަށައިފި އެވެ.

ގެސްޓް ހައުސް މެގަޒިން ނެރޭ، މޯލްޑިވްސް ގެޓަވޭސްއިން ބުނީ "ގެސްޓް ހައުސް މެގަޒިން 2017" ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އިންޑިޔާގައި އޮންނަ އޮޓީއެމް އެކްސްޕޯގައި ކަމަށެވެ. ގެސްޓް ހައުސް މެގަޒިންގައި ލިސްޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ނެރެމުން ގެންދާ ގެސްޓް ހައުސް މެގަޒިން 5،000 ކޮޕީ ޕްރިންޓް ކުރެ އެވެ. އަދި މި މަޖައްލާ ދުނިޔޭގެ މަޝްހޫރު ފެއާތަކުގައި ބަހަ އެވެ. މެގަޒިން ބަހާފައިވާ ފެއާތަކުގެ ތެރޭގައި ޖަރުމަނުގައި އޮތް އައިޓީބީ ބާލިން އާއި އޭޓީއެމް ދުބާއީ އަދި ޑަބްލިޔު ޓީއެމް ލަންޑަންގެ އިތުރުން ބީއައިޓީބީ ނިއުދިއްލީ އާއި ސީއައިޓީއެމް ޗައިނާ ހިމެނެ އެވެ.

ގެސްޓްހައުސް މޯލްޑިވްސް މެގަޒިންގައި ގެސްޓްހައުސްތަކުގެ ގިނަ މައުލޫމާތުތަކާއި، ރާއްޖޭގެ ގިނަ މައުލޫމާތު ތަކެއް ވެސް ހިމަނާފައިވެ އެވެ. މި މަޖައްލާފައި ސަތޭކައަށްވުރެ ގިނަ ގެސްޓް ހައުސްގެ މައުލޫމާތު ލިބެން ހުރެ އެވެ.