އެޕަލް

އެޕަލްގެ ހާއްސަ ހަފްލާއެއް މިމަހު 27 ގައި

ދުނިޔޭގެ ޓެކްނޮލޮޖީއަށް ބަލާލާއިރު އެންމެ ކުރީ ސަފުގައި މި އޮތީ އެޕަލް ކުންފުންޏެވެ. އެންމެންގެ ފޭވަރިޓް ކަމުގައިވާ އައިފޯން ފަރުމާކޮށް ވިއްކާ މި ކުންފުނިން އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް އާންމުންގެ ދިރިއުޅުން ފަސޭހަކޮށް ޑިޖިޓިލައިޒް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ވޭތުވެދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޕަލްއިން ވަނީ ހާއްސަ އިވެންޓެއްގައި އައިފޯން 7 އަދި އެޕަލް ވޮޗްގެ އެންމެ ފަހުގެ ވާޝަން ބާޒާރަށް ނެރެފަ އެވެ.

މިފަހަރު މިއޮތީ އެޕަލްގެ އޮރިޖިނަލް ލެޕްޓޮޕްގެ ފަހަރު ކަމަށް އަޑުތަށް ވަނީ އަރާފައެވެ. މިގޮތަށް އަޑުތަށް އަރާފައިވަނިކޮށް އެޕަލްއިން މިވަނީ ޓެކްނޮލޮޖީ ރިޕޯޓް ކުރާ ފަރާތްތަކަށް ހާއްސަ ދައުވަތެއް ފޮނުވާލައިފަ އެވެ. "ހެލޯ އަގެއިން" ގެ ނަމުން ފީޗާ ކުރެވުނު މި ހަފްލާގެ ދައުވަތުގައި ބުނަނީ އެޕަލްއިން ބާއްވާ ހާއްސަ އިވެންޓަކީ އާ ޕްރޮޑަކްޓެއް ބާޒާރަށް ނެރުމަށް ބާއްވާ ހަފްލާއެއްގެ ދައުވަތު ކަމަށެވެ.

މި ދައުވަތުގައި ފީޗާކުރި "ހެލޯ އަގެއިން" އާއި އެކު ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތްތަކުން މިވަނީ މި އިވެންޓަކީ މެކްބުކް ލޯންޗް ކުރުމުގެ އިވެންޓެއް ކަމަށް ލަފާކޮށްފަ އެވެ. ސަަބަބަކީ މީގެ ކުރިން އެޕްލައިން މެކްބުކް ބާޒާރަށް ނެރުނު ހަފްލާގެ ދައުވަތު ފޮނުވީ ހެލޯ ތީމްއެއްގެ ދަށުންނެވެ. އެހެންކަމުން ޓެކްނޮލޮޖީ ދިރާސާ ކުރާ ފަރާތްތަކުނެ ބުނަނީ މިފަހަރުގެ މެކްބުކް ވެގެންދާނީ ލެޕްޓޮޕް އަދި ޕީސީ ޑިވެލޮޕްކުރާ ފަރާތްތަކަށް ރަނގަޅު ޗެލެންޖެއް ދޭނެ ލެޕްޓޮޕަކަށް ކަމަށެވެ.

މި އިވެންޓުގައި މެކްބުކްގެ 13 އިންޗިއާއި 15 އިންޗީގެ 2 މޮޑެލްއެއް ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ. އެގޮތުން ކުރިން ނެރެމުން އައި 11 އިންޗީގެ މެކްބުކްތަށް އަލަށް ނެރޭ މެކްބުކްތަކުގައި ހިމޭނޭ ކަމަކަށް ނުބެލެވެ އެވެ. ހަމައެއާއެކު މި ލެޕްޓޮޕްތަކުގައި އޯލެޑް ޓަޗް ޕެނަލެއް ހިމެނޭނެ ކަމަށް ބެލެވޭއިރު މުޅިން އަލަށް ލެޕްޓޮޕެއްގައި ހިމެނޭނެ ޓަޗް އައިޑީ ވެސް މިފަހަރުގެ މެކްބުކްތަކުން ފެނުމަކީ ގާތްކަމެއް ކަމަށް އަޑުތައް ވަނީ އަރައިފަ އެވެ.

ލެޕްޓޮޕްގެ އިތުރުން މި އިވެންޓުގައި ދެން ނެރޭނެ ކަމަށް ބެލެވެނީ އައިމެކްއެވެ. މިއީ އެޕަލްގެ ޑެސްކްޓޮޕް ކޮމްޕިއުޓާ އެވެ. މިހާރުވެސް ޑިވެލޮޕް ކުރަމުން އަންނަ އައިމެކްގެ މުޅިން އާ މޮޑެލްއެއް އެޕަލްގެ އިވެންޓުގައި ފެނިގެން ދިއުން ގާތެވެ. މި އައިމެކްގައި ހިމެނޭނެ ކަމަށް ބެލެވެނީ މިހާރުގެ މެކްތަކަށް ވުރެ ވަރުގަދަ އަދި ޕްރޯ ކަންކަމަށް ބޭނުން ކުރެވޭނެ ހާޑްވެއާތަކެވެ. އޭގެ އިތުރުން މިފަހަރުގެ އައިމެކްގެ ޑިޒައިން އެހެން މެކްތަކާއި ވަރަށް ބޮޑުތަން ތަފާތުވާނެ ކަމަށް ބެލެވެއެވެ.

މިއިވެންޓުގައި ދެން ފެންނާނެ ކަމަށް ބެލެވެނީ މެކްއަށް ހާއްސަ އޯއެސް އެއްގެ އިތުރުން އައިފޯންގެ އޯއެސް އެއްކަމުގައިވާ 10.1 ބީޓާ ލޯންޗް ކުރުންކަމަށް ބެލެވެ އެވެ. މިހާރު މި ބީޓާަ ދަނީ ބައެއް ފޯނުތަކުގައި ޓެސްޓް ކުރެވެމުންނެވެ. މީގެ އިތުރުން އެޕަލްއިން ނެރުނު ވަޔާލެސް އިއާޕޮޑްސްގެ ބޭނުން މެކްބުކްއިން ފެނިގެން ދިއުމަކީ މި އިވެންޓަށް ނަޒަރު ހިންގާލަން ޖެހޭ އެއްސަބަބެވެ.

އެޕަލްއިން މި އެވެންޓަށް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން މި އެވެންޓް ޕްރޮމޯޓް ކުރުމަށް ވަނީ ހާއްސަ ޕޭޖެއް ވެސް އެޕަލްގެ ރަސްމީ ވެބްސައިޓުގައި ނެރެފަ އެވެ. މި ޕޭޖްއިން އިވެންޓް ލަައިވްވެސް ކުރާނެއެވެ.