ބޭރު ކުޅިވަރު

ބޯނަސްއާ އެކު ނޭމާގެ މުސާރަ 22 މިލިއަނަށް

ބާސެލޯނާއާއެކު އާ ކޮންޓްރެކްޓްގައި ސޮއިކުރުމާއެކު ސީޒަނެއްގައި ބޯނަސްއާއެކު ބްރެޒިލްގެ ތަރި ނޭމާ އަށް 22 މިލިއަން ޕައުންޑް ލިބޭނެކަން ބާސެލޯނާއިން ބުނެފި އެވެ.

ފަސް އަހަރުގެ އެއްބަސްވުމުގައި ނޭމާ ސޮއިކުރުމުން 2021 ވަނަ އަހަރާ ހަމައަށް ބްރެޒިލްގެ ފޯވަޑް ބާސެލޯނާގައި ދެމިހުންނާނެ އެވެ.

މިއީ އޭނާ ގަތުމަށް މަސައްކަތް ކުރާ މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސްގެ ޕީއެސްޖީ އަށް ލިބުނު ނުވަތަވަސް ހަބަރެކެވެ. ބާސެލޯނާގެ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ނޭމާ ގަންނަން ބޭނުންވާ ކުލަބަކުން އަންނަ އަހަރު 180 މިލިއަން ޕައުންޑް ހޭދަކުރަންޖެހޭނެ އެވެ. އަދި ޖެހިގެން އަންނަ އަހަރު އޭނާ ވިއްކާނެ އަގުގެ ގޮތުގައި ހަމަޖައްސާފައިވަނީ 200 މިލިއަން ޕައުންޑެވެ. ފަހު ތިން އަހަރުގެ އަގަކީ 225 މިލިއަން ޕައުންޑެވެ.

އުމުރުން 24 އަހަރުގެ ނޭމާ ބާސެލޯނާގެ ކޮންޓްރެކްޓް އާކުރިއިރު އޭނާއާއެކު ފޯވަޑް ލައިނުގައި ތިބި އަނެއް ދެ ފޯވަޑުން ކަމަށްވާ ލަޔޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ވެސް ވަނީ ކޮންޓްރެކްޓް އާކުރަން އެއްބަސްވެފަ އެވެ.