ހަބަރު

ޖަލީލު ހުރީ ބާކީ ކޮށްފައި، ގާޒީ ހައްޔަރު ކުރުމުގައި އޭނާގެ ދައުރެއް ނެތް: ހެކިން

Mar 4, 2015
4

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދު ކުރުމުގައި އޭރު ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އެއްވެސް ދައުރެއް ނެތް ކަމަށް ހަތަރު މީހަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.

މިހާރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ޖަލީލުގެ މައްޗަށް އެ މައްސަލައިގައި ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު މެންދުރު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ ސިފައިންގެ ހަތަރު އޮފިސަރެކެވެ. އެ ހަތަރު މީހުންގެ ތެރެއިން ފުރަތަމަ ހެކިބަސް ދިނީ އަބްދުﷲ ގާޒީ ބަންދު ކުރިއިރު އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އެހީތެރިއެއްގެ ގޮތުގައި ހުންނެވި ކެޕްޓަން އަލީ އިހުސާނެވެ.

އިހުސާން ވިދާޅުވީ ގާޒީ ބަންދު ކުރުމުގައި ޖަލީލުގެ އެއްވެސް ދައުރެއް އޮތް ކަމަށް އެނގިފައިނުވާ ކަމަށާއި އޭރު ޖަލީލަކީ ބާކީކޮށްފައި ހުރި ބޭފުޅެއް ކަމަށެވެ. އަދި ގާޒީ ހައްޔަރު ކުރަން ހިންގި އޮޕަރޭޝަންގެ ހުރިހާ ކަމެއް ވެސް ހިންގީ ތޮލްހަތުގެ ބެލުމުގެ ދަށުން ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އަބްދުﷲ ގާޒީގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ބުނެ އޭނާ ބަންދުކުރި ރޭ ޑިފެންސް މިނިސްޓްރީގައި ތޮލްހަތު ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އިބްރާހިމް ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދާއި ޖަލީލު ވެސް ބައިވެރިވި ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ތިއްބާ އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހުގެ ސިޓީއެއް ތޮލްހަތަށް އެޑްރެސްކޮށް ލިބުނެވެ. އަދި އެ ސިޓީ ބެލުމަށް ފަހު "އަޅުގަނޑުމެން ސަލާމަތްވާން އޮތް އެއްޗަކީ މިއީ" ކަމަށް ތޮލްހަތު ވިދާޅުވި ކަމަށާއި އެ ދެ ސިޓީގައި ވެސް އޮތީ އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅައި ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ އެ ދެ ސިޓީ ވެސް ތޮލްހަތަށް ދިނުމުން އެ ސިޓީ ބެލުމަށް ފަހު އެ ދެ ސިޓީ ވެސް ޖަލީލަށް ކޮޕީކުރަން ތޮލްހަތު އެންގެވި އެވެ.

އެ ދެ ސިޓީ ކޮޕީ ވެސް ޖަލީލަށް ދިން ކަމަށާއި ނަމަވެސް ސިޓީ ކިޔުމަށް ފަހު ޖަލީލު އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށް އިހުސާން ވިދާޅުވި އެވެ. އޭރު ވެސް ގާޒީ ހައްޔަރު ކުރަން އެކި ތަންތަނަށް ސިފައިން ފޮނުވާފައިވާ ކަމަށާއި އޭރު ސިފައިން ތިބީ އެންމެ ފަހު އޯޑަރަށް ތައްޔާރުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ދެވަނައަށް ހެކިބަސް ދިން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރިތާ ދެ ދުވަސް ފަހުން އަބްދުﷲ ގާޒީގެ އާއިލާ މީހުންނާ އޭނާ ބައްދަލުކުރި ކަމަށާއި އަދި އަބްދުﷲ ގާޒީ ހުރީ ސިފައިންގެ ބެލުމުގެ ދަށުގައި ކަން އޭނާގެ އާއިލާއަށް އަންގާފައިވާނެ ކަމަށެވެ. އެގޮތަށް އެންގީ އޭރުގެ އޮޕަރޭޝަންސް ޑައިރެކްޓާ ކާނަލް ޒިޔާދުގެ އެންގުމުގެ މަތިން ކަމަށާއި ނަމަވެސް އެކަމުގައި ޖަލީލު އޭނާއަށް އެއްވެސް އަމުރެއް ނުކުރާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަމަވެސް ގާޒީ ހައްޔަރު ކުރުމުގެ ދެ ދުވަހެއް ކުރިން ސިފައިންގެ އިސް އޮފިސަރުންނާ އެކު މިނިސްޓަރު ތޮލްހަތު ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ޖަލީލު ވެސް ބައިވެރިވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ފުލުހުންނަށް ދިމާވާ ދަތިތަކާ ގުޅިގެން އެހީތެރިކަން ދިނުމާ ބެހޭގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ދެން ހެކިބަސް ދިނީ އަބްދުﷲ ގާޒީ ގިރިފުށީގައި ހުރިއިރު އޭނާގެ ސިއްހީ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުންނެވި ޑރ. އަލީ ޝާހިދާއި އޭނާގެ ވެލްފެއާ ކަންކަން ބަލަހައްޓަން ގިރިފުށްޓަށް ދިޔަ އައިޝަތު ޒީނާ އެވެ. އެ ދެ މީހުން ވެސް ބުނީ ގާޒީ ގިރިފުށީގައި ހުރިއިރު އެކަމާ ބެހޭގޮތުން އެއްވެސް އަމުރެއް އެ މީހުންގެ މައްޗަށް ޖަލީލު ކޮށްފައި ނުވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ޖަލީލާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ ކުރީގެ ޕޮލިސް ކޮމިޝަނަރު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް އަތީފްގެ އިތުރުން ކާނަލް ވައިސް ވަހީދު ރާއްޖޭގައި ނޫޅޭ ކަމަށެވެ. ނަމަވެސް ދައުލަތުން ބުނީ އެ މީހުން ހާޒިރުކުރަން އެ ފަރާތުން ބޭނުންވާ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގާޒީ ބަންދު ކުރި މައްސަލައިގައި ޖަލީލުގެ އިތުރުން ދައުވާލިބޭ ކުރީގެ ރައީސް ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތުގެ ޝަރީއަތް މިރޭ ކުރިއަށް ގެންދާނެ އެވެ. އެ ދެ މައްސަލައިގައި ވެސް އޮންނާނީ ހެކިބަސް ނެގުމެވެ.