ބޮލީވުޑް

"އޭ ދިލްހޭ މުޝްކިލް" އެންމެފަހުން ރިލީޒްކުރެވޭނެކަން ޔަގީންވެއްޖެ

Oct 23, 2016
1

އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައި ފާއިތުވި މަހެއްހާ ދުވަހުން ފެށިގެން ހިނގަމުން އަންނަ ސިޔާސީ ކޯޅުން ގަނޑުގައި ފިތި ބާރުވެފައި އޮތީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" އެވެ.

ހުކުރު ދުވަހު ރިލީޒްކުރާ މިފިލްމު އިއްޔެއާ ހަމައަށް ވެސް ސިނަމާތަކުގައި އެޅުވޭނެ ކަމުގެ ޔަގީންކަން ނެތްއިރު، ސިޔާސީ ޕާޓީ އެމްއެންއެސް އިން ހަރުއަޑުން ގޮވަމުން އައިސްފައިވަނީ މިފިލްމުގައި ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން ކުލެފައިވަނީ ރޯލު އުނިކުރުމުން ނޫނީ މިފިލްމު އެގައުމުގެ އެއްވެސް މަލްޓިޕްލެކްސް އެއްގައި އަޅުވައިފިނަމަ އެތަނަކަށް ގެއްލުންދޭނެ ކަމަށް އިންޒާރުދީފަ އެވެ.

ބޮޑު ބަޖެޓަކުން އުފައްދާފައިވާ މިފިލްމު ރިލީޒްނުކުރެއްވިޖެނަމަ ބޮޑު ގެއްލުމެއްވާނެ ކަމަށް ޑައިރެކްޓަރު ކަރަން ވެސް ބުނެފައިވާއިރު މިފިލްމު ސެންސަރު ބޯޑުން ފާސްކޮށް އަދި ފިލްމު އެސޯސިއޭޝަނުންވެސް ވަނީ ފިލްމު ރިލީޒްކުރުމުގެ ހުއްދަދީފަ އެވެ.

ނަމަވެސް މިފިލްމު ރިލީޒްކުރުމަށް ހުރަސްއަޅަމުން އައި އެމްއެންއެސްގެ އިންޒާރުތަކުގެ ސަބަބުން ކަރަންގެ ހަމަނިދި ގެއްލިފައިވަނިކޮށް އެޕާޓީއިން މިވަނީ އެންމެފަހުން މިފިލްމު ރިލީޒްކުރުމުގެ ފެހި ސިގްނަލް ދީފަ އެވެ.

އެޕާޓީގެ ޗީފް ރާޖް ޓަކަރޭ އާއި މަހަރާޝްތްރަގެ ޗީފް މިނިސްޓާ ދެވެންދްރަ ފެޑްނަވިސްއާ އެކު ކަރަންގެ އިތުރުން ބައެއް ފިލްމު ޕްރޮޑިއުސަރުންނާއެކު ބައްދަލުކުރުމަށްފަހު އެވެ.

މިބައްދަލުވުމަށްފަހު ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ރާޖް ވަނީ އެޕާޓީއިން އަބަދުވެސް ޕާކިސްތާނުގެ ތަރިން ބޮލީވުޑްގައި ހަރަކާތްތެރިވުމާ ދެކޮޅަށް އަޑުއުފުލާ ކަމަށާއި އެކަން ނޭނގި ތިބީ ބޮލީވުޑްގެ މީހުންނަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ޕާކިސްތާނުން ޓެރަރިސްޓް އެޓޭކްޓްދޭކަން އެމީހުންނަށް އެނގުނީ އަދި ކިރިޔާ ކަމަށާއި ޕާކިސްތާނުން މީގެކުރިން ހީކުރުންތަކުގެ މައްޗަށް އިންޑިއާގެ ފިލްމުތަކާއި ޓީވީ ޗެނަލްތައްވެސް އެގައުމުގައި ދެއްކުން އެތަކެއް ފަހަރެއް މަތިން މަނާކޮށްފައިވާއިރު އެގައުުމުގެ އާޓިސްޓުންނަށް އިންޑިއާއިން ރަތްދޫލައިގެ މަރުހަބާއެއް ކިޔަންޖެހޭ ސަބަބެއް ނޭނގޭ ކަމަށް ބުނެފައިވެ އެވެ.

"ޖެހިގެން އުޅޭ މައްސަލަ ހައްލުކުރެވޭނެ ގޮތާ ބެހޭގޮތުން ވާހަކަދެއްކީ. ކަރަން މިހާރު ވަނީ އޭނާގެ ފިލްމު ސިނަމާގައި ދައްކަން ފެށުމުގެ ކުރިން ޔޫރީ އެޓޭކްގައި ޝަހީދުވި ސިފައިންނަށް ޓްރިބިއުޓެއްދޭން އެއްބަސްވެފައި. ޕްރޮޑިއުސާސް ގިލްޑުން ވަނީ އިތުރަށް ޕާކިސްތާނުގެ ތަރިން އެމީހުން ފލްމުތަކުގައި ނުހިމަނާނެ ކަމަށް ބުނެފައި" ރާޖް ބުނެފައިވެ އެވެ.

ރާޖް އިތުރަށް ވަނީ ޕާކިސްތާނުގެ ތަރިން މީގެފަހުން ފިލްމުތަކުގައި ހިމަނާނަމަ 05 ކްރޯޑް (50 މިލިއަން) ރުޕީޒް އާމީ ވެލްފެއާ ފަންޑަށް ދައްކަންޖެހޭނެ ކަމަށާއި އަދި ޕާކިސްތާނުގެ އެކްޓަރުން ހިމަނައިގެން ފިލްމު އުފައްދާފައި ތިބި ޕްރޮޑިއުސަރުންވެސް މިއަދަދު އެފަންޑަށް ދައްކަން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިބައްދަލުވުން ނިންމާލުމަށްފަހު ޕްރޮޑިއުސަރު މަހޭޝް ބަޓް ވަނީ ކުރިއަށް އޮތް ތަނުގައި ބޮލީވުޑުން އުފައްދާ އެއްވެސް ފިލްމެއްގައި ޕާކިސްތާނުގެ ތަރިން ނުހިމަނާނެ ކަމަށް ބުނެފަ އެވެ.

އެތަކެއް ދުވަހެއްގެ މަސައްކަތަށްފަހު އެންމެފަހުން ސުލްހަވެރިކަމާއި މިފިލްމު ސިނަމާތަކުގައި ރިލީޒްކުރެވޭނެ ކަމުގެ ޔަގީންކަން ލިބުމަކީ "އޭ ދިލްހޭ މުޝްކިލް" ގެ ހުރިހާ ތަރިންނާއި މުޅި ޓީމަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ޕާކިސްތާނު ތަރިން އިންޑިއާއިން ބޭރުކޮށް ބޮލީވުޑް ފިލްމު ކުޅުން އެމްއެންއެސް އިން މަނާކުރުމާއެކު އެކަމާ ގުޅޭގޮތުން ބޮލީވުޑްގެ ތަރިންގެ ހިިޔާލު ވެސް ތަފާތެވެ. އެއްބަޔަކު ޕާކިސްތާނު ތަރިން މަނާކުރުން ރަނގަޅު ކަމަށް ގޮވާލިއިރު އަނެއް ބައި ތަރިން ވަނީ ސިޔާސީ މައްސަލައެއްގެ ތެރޭގައި ފިލްމާއި އާޓްސް ހިމަނައިގެން ނުވާނެ ކަމަށް ބުނެފަ އެވެ.

ރަންބީރު ކަޕޫރާއި އައިޝްވާރިޔާ ރާއީ އަދި އަނުޝްކާ ޝަރްމާ މުހިންމު ރޯލުން ފެނިގެންދާ މިފިލްމާ އެކު އަޖޭ ދޭވްގަންގެ "ޝިވާއޭ" ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.