ހަބަރު

ފަރަށް އެރި ބޯޓް: ގެއްލުމުގެ ބަދަލަށް ދެވޭނީ 1.8 މިލިއަން ޑޮލަރު

މިދިޔަ އޮގަސްޓްމަހު ފުވައްމުލަކު ފަރަށް އުރުނު ވިއެޓްނާމުގެ ބޯޓް، "އެންޖީއޯ ސަން" އަށް ބަދަލެއްގެ ގޮތުގައި ސަރުކާރަށް ދެއްކޭނެ އެންމެ ބޮޑު އަގަގަކީ 1.8 މިލިއަން ޑޮލަރު (27.6 މިލިއަން ރުފިޔާ) ކަމަށް އެ ބޯޓުން ސަރުކާރަށް އަންގައިފި އެވެ. ސަރުކާރުން އެ ބޯޓަށް އެންގީ، ބަދަލުގެ ގޮތުގައި 633.7 މިލިއަން ރުފިޔާ ދެއްކުމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު މިއަދު ވިދާޅުވީ ބޯޓުގެ ވެރިފަރާތުން ކަނޑައަޅާފައިވަނީ 1.8 މިލިއަން ޑޮލަރު، 27.6 މިލިއަން ރުފިޔާ ދައްކަން ކަމަށެވެ. އަދި މި އަދަދު މިހާރު އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށާއި އަދި އަދަދާމެދު ސަރުކާރުން ވަކިގޮތެއް ނުނިންމާ ކަމަށް ނާފިޒް ވިދާޅުވި އެވެ. މީގެ ކުރިން ވެސް އެފަދަ ހާދިސާތަކުގައި ސަރުކާރާއި ބޯޓުގެ ވެރިފަރާތާ ދެމެދު ވާހަކަ ދެއްކުމަށްފަހު ދެ ފަރާތް އެއްބަސްވާ އަގެއް ދޭން ވަނީ ކަނޑައަޅައިފަ އެވެ.

"ސަރުކާރުން އަދި ވަކިގޮތެއް ނުނިންމާ. ސަރުކާރުން ހުށަހަޅާފައި އިންނާނީ ނެގޭނެ އެންމެ ބޮޑު އަދަދު. އޭގެ ތެރޭގައި ހިމެނޭނެ ދިރާސާ ކުރުމަށް ދިޔަ ހަރަދާއި އެހެނިހެންވެސް ހުރިހާ ހަރަދެއް ހިމަނާފައި" ނާފިޒް ވިދާޅުވި އެވެ.

ރާއްޖޭގެ ފަރާތުން ބޯޓްގެ އެޖެންޓުކަން ކުރާ، ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަންގެ ޗެއާމަން އަހުމަދު މައުމޫން މިއަދު ވިދާޅުވީ ބޯޓުގެ ވެރިފަރާތުން އަދަދެއް ކަނޑައަޅާފައިވާ ކަމަށާއި ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

އެ ބޯޓް ފުންކުރެވުނު އިރު، ބޯޓްގެ ބޮޑު ބައެއް ހަލާކުވުމުގެ ސަބަބުން އެ ބޯޓް ވަނީ އިންޑިއާ ކަނޑަށް އަޑިއަށް ގޮސްފަ އެވެ. އަދި އެ ބޯޓް ފުންކުރުމުގެ ތެރޭގައި ބޯޓްގައި ހުރި ގިނަ އަދަދެއްގެ ހިލަވެލި ވަނީ ފުވައްމުލަކު ފަރު މައްޗަށް އުކާލައިފަ އެވެ.