ވިޔަފާރި

ވޯލްޑް ޓްރެވެލް މާކެޓްގައި ރާއްޖެއިން ތިން ކަމެއް އިއުލާން ކުރަނީ

އަންނަ ނޮވެމްބަރު މަހު ލަންޑަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވެލް މާކެޓްގައި މިފަހަރު ރާއްޖެއިން ޝައުގުވެރި ގިނަ ކަންތައްތަކެއް ހުށަހަޅާނެ ކަމަށާއި ޓޫރިޒަމާ ގުޅުން ހުރި ބޮޑު ވަފުދެއް ވެސް ބައިވެރިވާނެ ކަމަށް، އެމްއެމްޕީއާރުސީ އިން ބުނެފި އެވެ. މި ފެއާގައި މީގެކުރިން ވެސް ރާއްޖެއިން ދިޔައީ ބައިވެެރިވަމުންނެވެ. މިއީ މި ފެއާ ބާއްވާ 37 ވަނަ އަހަރެވެ.

އެމްއެމްޕީއާރްސީގެ ޑެޕިއުޓީ ޑައިރެކްޓަރު ފާތިމަތު ރާހިލް މިއަދު ވިދާޅުވީ، ވޯލްޑް ޓްރެވެލް މާކެޓްގައި މިފަހަރު ރާއްޖެއިން 66 ކުންފުންޏެއް ބައިވެރިވާނެ ކަމަށެވެ. އެއީ 168 ބައިވެރިންނެވެ. މީގެ އިތުރަށް ޓޫރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީގެ އިސްވެރިން ފެއާގައި ރާއްޖެ ތަމްސީލް ކުރައްވާނެ އެވެ.

ރާހިލް ވިދާޅުވީ، ފެއާއަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެފައިވާ ކަމަށެވެ. މި ފެއާގައި ރާއްޖޭގެ ސްޓޯލެއް ބަހައްޓާފައި ހުންނަ އިރު ރާއްޖޭގެ ޓޫރިޒަމާ ގުޅޭ ހާއްސަ ތިން ކަމެއް މި ފެއާގައި ލޯންޗުކުރަން ވެސް ވަނީ ނިންމާފަ އެވެ. އެއީ، އޮފިޝަލް މޯލްޑިވްސް އެކަމޮޑޭޝަން ގައިޑް ލޯންޗުކުރުމާއި އައްޑޫ ސީ ޕްލޭން އޮޕަރޭޝަން ފެއްޓުން އިއުލާން ކުރާނީ އެ ފެއާގެ ތެރެއިންނެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށްފަހު އަލުން އޮޕަރޭޓްކުރަން ފެށުމަށް ޕްރޮމޯޝަންތައް ވެސް ލޯންޗުކުރާނެ ކަމަށް ރާހިލް ވިދާޅުވި އެވެ.

ރާއްޖޭގެ ސްޓޯލްގައި ބަހައްޓާފައިވާ ސްކްރީނުން ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް އެ ފަރާތެއްގެ 30 ސިކުންތުގެ ވީޑިއޯ ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ އިތުރަށް ބައެއް ޓްރެވަލް އެޖެންސީތަކާއި ރާއްޖޭގައި ހިމެނޭ ރިސޯޓް ބްރޭންޑްތަކަށް ސްޓޯލުން ވަނީ މުހިންމު ސަރަހައްދުތައް ކުއްޔަށް ދޫކޮށްފަ އެވެ. މީގެ އިތުރަށް ޖެނެރަލް މައުލޫމާތުތައް ލިބޭނެ ޑެސްކެއް ވެސް ގާއިމް ކުރެވިފައި ހުންނާނެ އެވެ.

ވޯލްޑް ޓެރެވެލް މާކެޓަކީ ދުނިޔޭގައި ބޭއްވީ ޓްރެވެލް އެންޑް ޓްރޭޑް ފެއާތަކުގެ ތެރެއިން އެންމެ ބޮޑު އެއް ފެއާ އެވެ. އެމްއެމްޕީއާރްސީއިން އައިޓީބީ ފެއާގެ އިތުރުން ދެން ބައިވެރިވާ އެންމެ ބޮޑު ފެއާއަކީ މިއީ އެވެ. މި އަހަރުގެ ފެއާ އޮންނަނީ އަންނަ ނޮވެމްބަރު މަހުގެ 7 ން 9 ށް ލަންޑަނުގަ އެވެ. މި ފެއާގެ ކަވަރޭޖަށް އަވަސްގެ ނޫސްވެރިއަކު ލަންޑަނަށް ދިޔުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.