ހަބަރު

ޔޫތު ސިޓީއަށް ބޭނުންވާ ފެން ޕްލާންޓް ސަޕްލައިކޮށްދޭން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރާ، ޔޫތު ސިޓީގައި ބެހެއްޓުމަށް، 3000 ޓަނުގެ އާރްއޯ ޕްލާންޓެއް ސަޕްލައި ކުރުމަށް ހިޓާޗީ އެކުއާ އިންޖީނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފި އެވެ. މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން މި މަސައްކަތް ހިޓާޗީއާ ހަވާލު ކުރީ 1.5 މިލިއަން ޑޮލަރަށެވެ.

ފެން ބިލްޑިންގައި މިއަދު ބޭއްވި ޕްރެސް ކޮންފަރަންސްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ އާރްއޯ ޕްލާންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދައި އެ މަޝްރޫއު ހަވާލު ކުރީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ފެން ރައްކާތެރިކޮށް ބެހެއްޓުމަށް ކަމަށާއި އެގޮތުން ހަމަސް ނުވަތަ ހަތްމަސް ދުވަސް ތެރޭގައި ދެވަނަ ފިޔަވަހީގައި އާރް އޯ ޕްލާންޓް ބަހައްޓާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި އެތަށް މަސައްކަތްތަކެއް އެއް ފަހަރާ ކުރަމުން. އޭގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީ މަސައްކަތަކީ ރައީސުލް ޖުމްހޫރިއްޔާ ވަރަށް އަހަންމިއްޔަތު ކަމެއް ކުރިޔަށްގެންދާ މަސައްކަތެއް ކަމުން އަޅުގަނޑުމެންގެ އަމާޒަކަށް މި ވަނީ 2018 ގެ ކުރިން އެތަނުގައި ފެނުގެ ހިދުމަތް ދެވޭވަރު ކުރުން،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ކުރިޔަށް ދަނީ އާރްއޯ ޕްލާންޓް ބިލްޑިން އެޅުމުގެ މަސައްކަތެވެ. އޭގެ އިތުރުން ޕަވާ ހައުސްގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް ދެ މަސް ތެރޭގައި އާރްއޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.