ހަބަރު

މާލޭގައި ތިން ޕާކެއް ހުޅުވައިފި

މާލޭގައި ތިން ޕާކެއް މިއަދު ހުޅުވައިފި އެވެ. ސޯސަންގެ ޕާކް، މިއުޒިއަމް ޕާކް އަދި ކާނިވާ ޕާކް މިއަދު ހަވީރު ހުޅުވައިދެއްވީ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

ޕާކުތައް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ މިއި ކުޑަކުދިންނާއި އާއިލާތަކާއި ޒުވާނުންނާ އެކި އުމުރު ފުރާތަކުގެ ހުރިހާ ފަރާތްތަކަށް ދުޅަހެޔޮކަމާއި ފާގަތިކަން ގެނެސްދިނުމަށްޓަކައި ކުރިއަށް ގެންދަވާ ތަފާތު ގިނަގުނަ މަޝްރޫއުތަކުގެ ތެރެއަށް އިތުރުވެގެންދިޔަ މަޝްރޫއެއް ކަމަށެވެ.

މާލެ ފަދަ ކުޑަތަނެއްގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅުމަކީ ރަނގަޅު ގޮތަކަށް ދާ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ދެކެލައްވާ ކަމަށާއި އެކަމަށް ހެޔޮ އިސްލާހީ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މާލެއަށް ބޮޑެތި ފިޒިކަލް ބަދަލުތަކެއް ގެނެސްދިނުމަށް މީގެކުރިން ބޭނުންނުކުރެވެ ގޮތަށް ހުރި ތަންތަނާއި އަޅާނުލެވި ދޫކޮށްލެވިފައި ހުރި ތަންތަން، އިޖްތިމާއީ ގޮތުން ރައްޔިތުންނަށް ނަފާލިބޭ ގޮތަށް ރައީސްގެ ލަފާގެ މަތިން ބަދަލުތަކެއް ގެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެގޮތުން ޖުމްހޫރީ މައިދާނުން މައިދާނުން ފެށިގެން މުއިވެޔޮ ދޮށު މައިޒާނާއި، ރައިވެރިބޭ މައިޒާނާއި ރަސްފަންނާއި މިފަދަ ތަންތަން މިވަނީ ހެދިފައި. އަދި ހިނގާފައި އުޅޭ ގޮތަށް ގިނަ ގޯޅިތައް ބަދަލުކުރުމުގެ މަސައްކަތްވަނީ ފެށިފައި. އެގޮތުން އޭގެ ތެރެއަށް މިއަދު އިތުރުވެގެން މިދަނީ އިތުރު ތިން ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ހުޅުވުނު ޕާކުތަކުންވެސް ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަކަމަކާއި ފައިދާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ހުޅުވުނު ޕާކުތަކަކީ އައިލެންޑް އޭވިއޭޝަންގެ ސީއެސްއާރުގެ ދަށުން ތަރައްގީކޮށްފައިވާ ޕާކުތަކެކެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނެޖިން ޑިރެކްޓާ އަބްދުލް ހާރިސް ވިދާޅުވީ އެކުންފުނީގެ ސީއެސްއާރްގެ ދަށުން އިޖްތިމާއީ ގޮތުން ފައިދާހުރި ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ރަމަޟާން މަހު ތަރާވީހް ކުރުމަށް ރާއްޖެތެރެއަށް ގެންދާ އިމާމުންގެ ޓިކެޓް ސްޕޮންސާ ކުރުމާއި ސްކޫލް ކުދިން އޭވިއޭޝަންގެ ދާއިރާއަށް ލޯބި ޖެއްސުމަށް އެދާއިރާއާ ބެހޭ މައުލޫމާތު ދީ، ޒުވާނުންނަށް ރާއްޖެ އާ ރާއްޖެއިން ބޭރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ދިއުމަށް ޓިކެޓް ސްޕޮންސާ ކޮށްދިނުން ފާހަގަކުރެއްވި އެވެ. އަދި ބަލި މީހުންނަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިދޭކަން ފާހަގަކުރެއްވި އެވެ.