ޕީޕީއެމްގެ ކޯޅުންތައް

ސުޕްރީމް ކޯޓަށް މައްސަލަ ގެންދާނަން: ޔުމްނާ

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިއަދު ތާއީދުކުރުމާ ގުޅިގެން އެ މައްސަލާގައި ސުޕްރީމް ކޯޓަށް ދާނެ ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދޮށީ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރަށް ހަވާލު ކުރުމަށް އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އެ ޕާޓީގެ އަމިއްލަ މެންބަރެއް ކަމަށްވާ އައްބާސް ވާފިރެވެ. އައްބާސް އެ މައްސަލަ ކޯޓަށް ވެއްދީ، އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް މައުމޫން ތައްޔާރުވެ ވަޑައިގަންނަވަނިކޮށެވެ. މައްސަލާގައި ޝަރީއަތް ފެށިއިރު މައުމޫން ވަނީ މައްސަލާގެ ތެރެއަށް ތަދައްހުލްވެފަ އެވެ.

މިއަދު ހައިކޯޓުން ނިންމީ، ސިވިލް ކޯޓުގެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ގާނޫނާއި ޝަރުއީ ހަމަތަކާ އެއްގޮތް ކަމަށެވެ.

ހައިކޯޓުން މިގޮތަށް ހުކުމްކުރުމާ ގުޅިގެން ހައިކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ، ހައިކޯޓުގެ ނިންމުމާމެދު ހިންހަމަނުޖެހޭ ކަމަށެވެ. އަދި މި މައްސަލާގައި ސުޕްރީމް ކޯޓަށް ދިޔުމަށް ރައީސް މައުމޫން ބޭނުންފުޅުވާ ކަމަށެވެ.

"ރައީސް މައުމޫން ބޭނުންފުޅުވޭ މި މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން، އެހެނީ ޕާޓީ މެންބަރުންގެ ހައްގުތަކެއް ނިގުޅައިގެން މިދެވުނީ، މެންބަރުން ވޯޓު ދެއްވައިގެން އިންތިހާބުކުރައްވާފައިވާ ރައީސްއެއް ރައީސް މައުމޫންއަކީ، އެއީ ގައުމީ ޖަލްސާއިން ފުރިހަމަ އަގްލަބިއްޔަތުން އިންތިހާބުވެ ހުންނެވި ރައީސްއެއް، ޕާޓީގެ ރައީސް އެގޮތަށް އެކަހެރިކުރެވޭނެ ކަމަށް ގަބޫލެއް ނުކުރަން،" ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ، ސުޕްރީމް ކޯޓުން އިންސާފުވެރި ނިމުމެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ޔުމްނާ ވަނީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި އެންމެހާ މެންބަރުން ވެސް ތިބުމަށް ގޮވާލައްވާފަ އެވެ.