ވިޔަފާރި

ތިންވަނަ ކްއާޓަރުގައި ދައުލަތަށް 3.46 ބިލިއަން ރުފިޔާ

Oct 24, 2016
  • ޑޮލަރުން ލިބުނު އާމްދަނީ އިތުރުވި
  • ޖުމްލަ އާމްދަނީ ފަސް ޕަސެންޓް ދަށް
  • އެންމެ ބޮޑު އާމްދަނީއެއް ޖީއެސްޓީއިން

މި އަަހަރުގެ ތިންވަނަ ކްއާޓަރުގައި ދައުލަތަށް 3.46 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތިންވަނަ ކްއާޓަރުގައި ދައުލަތަށް 3.46 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 3.67 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މި އަހަރާ އަޅާބަލާއިރު ފަސް 5.8 ޕަސެންޓުގެ ދަށް އަދަދެކެވެ.

އެންމެ ގިނަ އާމްދަނީ ލިބުނު ހަތަރު ދާއިރާ

  • ޖީއެސްޓީ 1.3 ބިލިއަން ރުފިޔާ
  • ބީޕީޓީ 997 މިލިއަން ރުފިޔާ
  • ޓޫރިޒަމް ލޭންޑް ރެންޓް 360 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް 144 މިލިއަން ރުފިޔާ

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ތިންވަނަ ކްއާޓަރުގައި މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ލިބިފައިވަނީ 1.34 ބިލިއަން ރުފިޔާ އެވެ. މި ކްއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 1.36 ބިލިއަން ރުފިޔާ އެވެ. އަދި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި މި ކްއާޓަރުގައި ލިބިފައިވަނީ 997 މިލިއަން ރުފިޔާ އެވެ.

މި ކްއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ޓޫރިޒަމް ބިން ކުއްޔަށް ދީގެން ދައުލަތަށް އާމްދަނީ ލިބޭ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވަނީ 360 މިލިއަން ރުފިޔާއެވެ. ކުރިން ލަފާކޮށްފައިވަނީ 432 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 144 މިލިއަން ރުފިޔާ ލިބުނުއިރު، ކުރިން އަންދާޒާ ކޮށްފައިވަނީ 382 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ޑޮލަރުން ލިބުނު އާމްދަނީ އިތުރުވި

ދައުލަތުގެ ޓެކްސް އިދާރާއިން ބުނެފައިވާ ގޮތުގައި މި ކުއާޓަރުގައި 122.91 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބިފައިވަނީ 121.44 މިލިއަން ޑޮލަރާ އަޅާބަލާއިރު 1.2 ޕަސެންޓް އިތުރު އަދަދެކެވެ.