ޝަރުއީ ދާއިރާ

މިދިޔަ ހަފުތާ: 15 މެޖިސްޓްރޭޓުން ޗުއްޓީގައި، 466 މައްސަލަ ނިންމި

މި މަހުގެ ނުވަވަނަ ދުވަހުން 15 ވަނަ ދުވަހާއާ ހަމައަށް ކޯޓުތަކުން ޖުމްލަ 466 މައްސަލަ ނިންމާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

އެ ޑިޕާޓްމެންޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެ ހަފުތާގެ ތެރޭގައި ހައިކޯޓު އަދި ސުޕީރިއާ ކޯޓުތަކުން 189 މައްސަލަ ނިންމާފައިވާއިރު، މެޖިސްޓްރޭޓް ކޯޓުތަކުން 277 މައްސަލަ ނިންމާފައިވެއެވެ. މި ނަތީޖާއަށް ބަލާއިރު، އެ ހަފުތާގައި މެޖިސްޓްރޭޓަކު އެވްރެޖްކޮށް 2.1 މައްސަލަ ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

މި ހަފުތާގެ ތެރޭގައި ކޯޓުތަކުން 466 މައްސަލަ ނިންމާފައިވާއިރު، މެޖިސްޓްރޭޓް ކޯޓުތަކުގައި މި ހަފުތާގެ ތެރޭގައި 621 އަޑުއެހުން ބާއްވާފައިވެއެވެ.

އެ ހަފުތާގެ ކޯޓުތަކުގެ ކްލިއަރެންސް ރޭޓަށް ބަލާއިރު، އޭގެ ކުރީ ހަފުތާއަށްވުރެ މި ހަފުތާގައި ހާސިލްކުރި ނަތީޖާ ކާމިޔާބު ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ދެއެއް އޮކްޓޯބަރުން އަށެއް އޮކްޓޯބަރަށް ކޯޓުތަކުގެ ކްލިއަރެންސް ރޭޓް ހުރީ 79.1 ޕަސެންޓްގަ އެވެ. އެހެންނަމަވެސް، 9 އޮކްޓޫބަރުން 15 އޮކްޓޫބަރަށް މި ރޭޓު ހުރީ 101.5 ޕަސެންޓް ގައެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅައިބަލާއިރު، 22.4 ޕަސެންޓް ގެ ކުރި އެރުމެކެވެ.

ހައިކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންނާއި، ސުޕީރިއާ ކޯޓުތަކުގެ 38 ގާޒީންނާއި، އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ 129 މެޖިސްޓްރޭޓުންނާއެކު، އެ ހަފުތާގެ ނިޔަލަށް ހައިކޯޓާއި، ސުޕީރިއާ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތައި ތިއްބެވި ފަނޑިޔާރުންގެ އަދަދަކީ 174 އެވެ.

އެ ހަފުތާ ޗުއްޓީގައި ތިއްބެވީ 15 މެޖިސްޓްރޭޓުންނެވެ. އަދި އެ ހަފްތާގައި ހާޒިރުނުވާ ދެ މެޖިސްޓްރޭޓަކު ތިއްބެވިއިރު، 20 މެޖިސްޓްރޭޓުން ސަލާމުގެ ޗުއްޓީގައި ތިއްބެވިއެވެ. ސަލާމުގައި ތިއްބެވި މެޖިސްޓްރޭޓުންގެ ތެރެއިން 11 މެޖިސްޓްރޭޓަކު އެއް ދުވަހު ސަލާމުގައި ހުންނެވިއިރު، ހަ މެޖިސްޓްރޭޓަކު ދެ ދުވަހު ސަލާމުގައި ތިއްބެވި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.