ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމަށް ގައުމީ އެއާލައިންގެ ފްލައިޓެއް ޗާޓަރު ކުރަނީ

Oct 24, 2016
  • ފޯރަމްގައި ބައިވެރިވުން އަންނަ މަހުގެ 10 އަށް
  • އިންޑިޔާގެ ގިނަ އަދަދެއްގެ ވިޔަފާރިތައް ބައިވެރިވޭ
  • ވިޔަފާރީގެ ރަނުގެ ގިނަ ފުރުސަތު ތަކެއް ހުޅުވޭނެ

އިންޑިޔާގައި ބާއްވާ "މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް 2016" ގައި ބައިވެރިވާ ދިވެހި ވަފުދު އެ ގައުމަށް ދިއުމަށް ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ރާއްޖޭން ފޯރަމަށް ދާ ވަފުދު ދަތުރުކުރުމަށް މޯލްޑިވިއަންގެ ފްލައިޓެއް އަގުހެޔޮކޮށް ޗާޓަރު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ފޯރަމްގައި ދިވެހި ވިޔަފާރިވެރިން ބައިވެރިވަމުންދާ ކަމަށެވެ.

"މި ފަހަރުގެ ފޯރަމްގައި ދުނިޔޭގެ އެހެން ގައުމުތަކާ ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ރާއްޖޭގެ ޕޮލިސީސްތަކުގެ މައުލޫމާތު ފޯރުކޮށް ދޭނެ،" އާދަމް ވިދާޅުވި އެވެ.

ޑެޕިއުޓީ މިނިސްޓަރު އާދަމް ވިދާޅުވީ ފޯމްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަ އަށް ހުޅުވާލާފައިވާ ކަމަށާއި، މި ފޯރަމްގައި އިންޑިޔާގެ ގިނަ އަަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވާނެ ކަމަށެވެ.

"މި އިވެންޓަކީ އަހަރު އެއް ފަހަރު ބާއްވާ އިވެންޓެއް. ހަގީގަތުގައި ރާއްޖެއަކީ ވިޔަފާރި އަށް ފަހި މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އެބަދޭ. މިގޮތުން ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް މި ފޯރަމްގައި ޝޯވްކޭސް ކުރާނެ،" އާދަމް ވިދާޅުވި އެވެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވަނީ އިންޑިޔާ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް [ފިކީ] އާ ގުޅިގެންނެވެ. މި ޖަމިއްޔާއަކީ އިންޑިޔާގެ ދެ ލައްކައަށްވުރެ ގިނަ މެންބަރު ކުންފުނިތައް ހިމެނޭ ޖަމިއްޔާ އެކެވެ.

އާާދަމް ވިދާޅުވީ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވެސް އިތުރު ކުރިއެރުމެއް ތަކެއް ލިބިގެންދާނެ ކަމަށެވެ.

"މި ފަހަރުގެ ފޯރަމްގައި ދުނިޔޭގެ އެހެން ގައުމުތަކާ ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ރާއްޖޭގެ ޕޮލިސީސްތަކުގެ މައުލޫމާތު ފޯރުކޮށް ދޭނެ،" އާދަމް ވިދާޅުވި އެވެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ވެސް ރާއްޖޭގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ދާއިރާއާއި ޓޫރިޒަމްގެ އިތުރުން ރެކްރިއޭޝަނަލް ފެސިލިޓީސް ތަރައްގީ ކުރުމުގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ފުރުސަތުތަކެއް އިންޑިޔާގައި ހުޅުވާލާނެ އެވެ.