ހަބަރު

އަބްދުﷲ ގާޒީ ކޯޓާ 100 ފޫޓަށް ކައިރިވިޔަ ނުދޭނެ ކަމަށް ނަޝީދު ވިދާޅުވި: ހެކިން

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދަށް ކްރިމިނަލް ކޯޓާއި 100 ފޫޓަށް ވެސް ކައިރި ނުވެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންނާ ބައްދަލު ކުރައްވާ ވިދާޅުވި ކަމަށް ދެ ފުލުހަކު ކޯޓުގައި މިރޭ ހެކިބަސް ދީފި އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި މިރޭ ހެކިބަސް ދިނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝާކިރާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޖަމްޝީދެވެ. އެ ދެ ބޭފުޅުން ވެސް ވިދާޅުވީ އަބްދުﷲ ގާޒީ ބަންދުކުރި ފަހުން ނަޝީދު ފުލުހުންގެ ބައެއް އޮފިސަރުންނާ ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި އަބްދުﷲ ގާޒީއަށް ކްރިމިނަލް ކޯޓާއި 100 ފޫޓަށް ކައިރި ނުވެވޭނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ.

އެ ދެ ފުލުހުންގެ ތެރެއިން ޝާކިރު މިރޭ ވަނީ ފުލުހުންގެ ތަހުގީގަށް އޭނާ ދީފައިވާ ބަޔާން މިރޭގެ ޝަރީއަތަށް އައުމުގެ ކުރިން ބެލި ކަމަށާއި ޕީޖީ އޮފީހުގެ ވަކީލުންނާ މިއަދު ބައްދަލުކުރި ކަމަށް އެއްބަސްވެފަ އެވެ. ނަޝީދުގެ ވަކީލުންގެ ސުވާލުތަކަށް ޖަވާބު ދެމުން ޝާކިރު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް މީގެ ދެ އަހަރު ކުރިން އޭނާ ދިން ބަޔާން މިއަދު އަލުން ކިޔާފައިވާނެ ކަމަށާއި ޕޮލިސް ހެޑް ކުއާޓާޒްގައި ޕީޖީ އޮފީހުގެ ވަކީލުންނާ އެކު ވެސް މިއަދު ހަވީރު ބައްދަލުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ވަކި ގޮތަކަށް ބަޔާން ދިނުމަށް އެ ވަކީލުން އަންގާފައި ނުވާނެ ކަމަށް ޝާކިރު ވިދާޅުވި އެވެ.

މިރޭގެ އަޑުއެހުމުގައި ނަޝީދުގެ ވަކީލުން ވަނީ ދައުލަތުން ނަޝީދާ ދެކޮޅަށް ހުށަހަޅާފައިވާ ފުލުހުންނާއި ސިފައިންގެ ހެކިބަސް ނެގުމާ މެދު ދެކޮޅު ހަދާ ކަމަށް ވިދާޅުވެފަ އެވެ. އެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލު ކުރުމުގައި ފުލުހުންނާއި ސިފައިން ބައިވެރިވެފައިވާއިރު އެ ދެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަދުލުވެރިކަމާ އެކު ހެކިބަސް ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ މީހުންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަން ވެސް ހިސާން ފާހަގަ ކުރެއްވި އެވެ.

އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލަ ނިންމުމުގައި އެފަދަ ހެކިންގެ ހެކިބަހަށް ދޭނެ ބުރަދަނާ މެދު ގޮތެއް ނިންމާނެ ކަމަށާއި ނަމަވެސް މިހާރު ހެކިބަސް ނެގުން ކުރިއަށް ގެންދާނީ ކަމަށެވެ.

މިރޭގެ އަޑުއެހުމުގައި ނަޝީދުގެ ވަކީލުން ވަނީ ނަޝީދުގެ ބަންދަށް ލުޔެއް ދިނުމަށް އެދިފަ އެވެ. އަދި ޝަރީއަތަށް ހާޒިރުވުމުގައި ނަޝީދުގެ ފަރާތުން އެއްވެސް މައްސަލައެއް ދިމާ ނުވާނެކަމުގެ ޔަގީންކަން ވެސް މިރޭގެ އަޑުއެހުމުގައި ނަޝީދުގެ ވަކީލުން ދެއްވި އެވެ.

އެކަމާ މެދު ގޮތެއް ނިންމަން ފަސް މިނެޓަށް ޝަރީއަތް މެދުކަނޑާލުމަށް ފަހު އަލުން ފަށައި، ފަނޑިޔާރުން ނިންމެވީ ބަންދަށް ލުޔެއް ނުދިނުމަށެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ނަޝީދު ބަންދުގައި ބެހެއްޓީ ކުރިން ކަންކަން ވެފައި ހުރި ގޮތުން ކަމަށާއި އެހެންވެ މިވަގުތު ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ރޭ ވެސް ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.