އިންވެސްޓްމެންޓް ފޯރަމް

އިންވެސްޓްމަންޓް ފޯރަމްގެ ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން

Oct 25, 2016

އިންޑިޔާގައި އަންނަ މަހު ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ އޮފިޝަލް ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައިފި އެވެ.

އިންވެސްޓްމަންޓް ފޯރަމްގެ އޮފިޝަލް އެއާލައިން ޕާޓްނަރުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދު އެވެ. އަދި ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ.

މި އެއްބަސްވުމުގެ ދަށުން އަންނަ މަހުގެ 21 އިން 22 އަށް ނިއުދިއްލީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމަށް ރާއްޖޭން ދާ ފަރާތްތަކަށް ހާއްސަ އަގެއްގައި ޓިކެޓް ވިއްކާނެ އެވެ. ދިއްލީއަށް 20 ވަނަ ދުވަހު ދަތުރުކުރާ ފްލައިޓުގެ ޓިކެޓު ވިއްކާނީ ދެކޮޅު ޓިކެޓު 250 ޑޮލަރު (ގާތްގަނޑަކަށް 3،855ރ.) އަށެވެ. މި އެއްބަަސްވުމުގެ ދަށުން ދިއްލީ ހޮޓާތަކުގެ ބުކިން ހެއްދުމުގެ ފުރުސަތު މޯލްޑިވިއަން ހޮލިޑޭސް މެދުވެރިކޮށް ލިބޭނެ އެވެ.

ރާއްޖޭގެ މަޝްރޫއު ތަކަށް އިންވެސްޓްމަންޓް ތަނަވަސް ކުރުމުގެ ގޮތުން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ ދެ ފޯރަމެއް މީގެ ކުރިން ބާއްވާފައިވެ އެވެ. މި ފޯރަމްތައް ބާއްވާފައިވަނީ ސިންގަޕޫރާއި ޗައިނާގަ އެވެ. މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ވެސް 600 އާ ގާްތްކުރާ ވިޔަފާރިވެރިން ބައިވެރިވާނެ ކަމަށް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ.