ކުޅުދުއްފުށި

"އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓް ހަދައި ހިދުމަތް ފަށާނެ"

މިއަންނަ އަހަރުގެ ތެރޭ ހދ. ކުޅުދުއްފުށީގެ އެއާޕޯޓްގެ މަސައްކަތް ފަށައި އެ އެއާޕޯޓުގެ ހިދުމަތްވެސް ދޭން ފައްޓަވާނެ ކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ހދ. ހިރިމަރަދޫ ބަނދަރު ހުޅުވަން އެރަށަށް ވަޑައިގެން މިއަދު ވާހަކަ ދައްކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުތުރުގައި ދެ ރަށެއްގައި އެއާޕޯޓް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ށ. ފުނަދޫގައިވެސް އެއާޕޯޓު އެޅުމުގެ މަސައްކަތް ވެސް ފައްޓަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓު އަޅާ ހިދުމަތްދޭން ފެށުމުން އުތުރުގައި ޓޫރިޒަމް ފުޅާކުރަން ފަސޭހަވާއިރު އެއީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް މިހާތަނަށް ނުފެށި ލަސްވެފައިވަނީ ރަށު ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބިގެން ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަކީ 14 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅަން ހަމަޖެހިފައިވާ އެއާޕޯޓެއް ކަމަށެވެ.

"ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ކުރިން ލިބުނުނަމަ އެއާޕޯޓް މިހާރު އެޅިފައި އޮންނާނީ. އެހެން ނަމަވެސް އެ އެއްބާރުލުމެއް އަޅުގަނޑުމެންނަކަށް އޭރުގެ ކައުންސިލުން ނުލިބިގެން އެކަމަށް ނުވެދިޔައީ. ނުވެ ދިޔައީމަ ވީގޮތަކީ ވިޔަފާރީގައިވާހެން، ވިޔަފާރިއަށް މީހަކު ބަހައްޓަފައި ހުންނަ ފައިސާ އެކަން ނުވަންޏާ އެހެން ކަމަކަށް ބޭނުންކުރާނީ، އެކަމަކު މިހާރު ކައުންސިލުން ވެސް އެ ފުރުސަތު ދޭ ގޮތަށް އޮތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވީ ގަދަ ދުވަސްވަރެއްގައި ހަނިމާދޫއިން ކުޅުދުއްފުއްޓަށް ދަތުރު ކުރުމަކީ ވޭންހުރި ކަމަކަށްވާއިރު ކުޅުދުއްފުށީގެ އެއާޕޯޓް އެޅުމުން ކުޅުދުއްފުއްޓަކީ އުތުރުގައި އެންމެ އާބާދީ ބޮޑު ރަށަށް ވެފައި ސިއްހީ ހިދުމަތްތާއި އަދި ގިނަ މަސައްކަތްތަކެއް ކުރެވޭނެ މަރުކަޒީ ހަބަކަށް ވެސް ވެގެންދާނެ ކަމަށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓު ގާއިމްކުރެވުމުން އުތުރުގައި ފަތުރުވެރިކަން ތަރައްގީކުރަން ފަސޭހަވާނެ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ އެއާޕޯޓު ތަރައްގީ ކުރުމުން އުތުރުގައި ހުރި ރަށްތަކަށް ޝައުގުވެރިކަން އުފެދި ރަށްތަކުގައި ރިސޯޓުތައް ތަރައްގީކުރާނެ ކަމަށެވެ. ރިސޯޓުތައް ތަރައްގީ ކުރުމާއެކު ވަޒީފާގެ އެތައް ފުރުސަތުތަކެއް ހުޅުވޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.