ދުނިޔެ

މިއަދަކީ އެންމެ މުސްކުޅި މީހާގެ 117 ވަނަ އުފަން ދުވަސް

އޭނާގެ އުފަން ތާރީޚަކީ 5 މާޗް 1898 ކެވެ. ޖަޕާނުގެ އޮސާކާ އަށް އުފަން އޮކާވާ ބުނަނީ 117 ވަނަ އުފަން ދުވަސް ފާހަގަކުރަމުން ދިޔަޔަސް އެހާ ގިނަ އަހަރުވި ކަމުގެ އިހްސާސެއް ނުކުރެވޭ ކަމަށެވެ. އަދި އުމުރު ދިގުމުގެ ސިއްރެއް ވެސް ނޭނގޭ ކަމަށެވެ.

"އަހަރެން ވެސް މި އުޅެނީ ތިޔަ ސުވާލުގެ ޖަވާބު ނޭނގިގެން،" އުމުރު މިހާ ދިގުވުމުގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ދިނީ މި ޖަވާބެވެ.

މުސްކުޅިވުމުގެ ސަބަބުން ހެލިފެލިވެ އުޅުމަށް އުނދަގޫވެ އަޑު އިވުމުގައި ދަތިތަކެއް މިހާރު ހުއްޓަސް އޭނާގެ ސިއްހީ މާ ބޮޑު މައްސަލަތަކެއް ނެތެވެ. 

ކައިބޮއެ ވެސް ހަދަނީ ހަމަ އާދައިގެކޮށެވެ. ދިރިއުޅެނީ ނާސިން ހައުސްއެއްގަ އެވެ.

އޮކާވާ ކައިވެނިކޮށްފައި ވަނީ 1919 ވަނަ އަހަރު އެވެ. އޭނާގެ ފިރިމީހާ ވަނީ 1931 ވަނަ އަހަރު މަރުވެފަ އެވެ.

އެ ކައިވެނިން އޭނާ އަށް ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ. މިހާރު އޭނާގެ ހަތަރު މާމަ ކުދިން ތިބިއިރު މުނި މާމަ ކުދިންގެ އަދަދަކީ ހައެކެވެ.

ދުނިޔޭގެ އެންމެ މުސްކުޅި މީހާގެ ގޮތުގައި އޭނާގެ ނަން ގިނިސް ރިކޯޑް ފޮތަށް އެރީ 2013 ވަނަ އަހަރު އެވެ.