ވިޔަފާރި

އަންނަ އަހަރު އައިޓީބީ ފެއާގެ އޮފިޝަލް ޕާޓްނަރުކަން ރާއްޖެއަށް

ޓުއަރިޒަމް މާކެޓްގެ އެންމެ ބޮޑު ފެއާ، އައިޓީބީ ފެއާގެ އަންނަ އަހަރުގެ އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޖަރުމަނުގެ ބާލިންގައި 198 ގައުމެއްގެ އެތައް ހާސް ބަޔަކާ އެކު އިއްޔެ ފެށި އެ ފެއާގެ ތެރެއިން އޮފިޝަލް ޕާޓްނަރަކަށް ރާއްޖެ ވުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ އެވެ. އިންޓަނޭޝަނަލް ޕްރެސްގެ ކުރިމަތީގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެވެ.

އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި ވުމުން، ފެއާގެ ތެރޭގައި ރާއްޖެއަށް ލިބޭ ސަމާލުކަން ވަރަށް ބޮޑުވެެގެން ދާނެ އެވެ. އެގޮތުން ރާއްޖޭގެ އިޝްތިހާރުތައް ފެއާގެ އެކި ސަރަހައްދު ތަކުގައި ގިނަ ކުރުމާއި ރާއްޖޭގެ ސްޓޯލް ހުންނަ ސަރަހައްދު ކުރިއަށް ވުރެ، މުހިންމު ސަރަހައްދަކަށް ވުން ފަދަ ބޮޑެތި އިނާޔަތްތަކެއް ރާއްޖެއަށް ލިބޭނެ އެވެ.

"ރާއްޖެއާ އެކު މި ސޮއި ކުރި ޕާޓްނާ އެގްރިމަންޓަކީ ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވޭ އެގްރިމަންޓެެއް ކަމަށް އުންމީދު ކުރަމެވެ،" އައިޓީބީ އިން ބުންޏެވެ.

ރަސްމިއްޔާތުގައި ރާއްޖެ ތަމްސީލް ކުރުމުގެ ގޮތުން، ރާއްޖޭގެ ޓޫރިޒަމްގެ އެއްބާނީ ޗަމްޕާ ހުސެން އަފީފް ބައިވެރިވެ ވަޑައިގަތެވެ. ރާއްޖޭގެ ފަރާތުން އެ ފެއާގައި، މި އަހަރުގެ 72 ކުންފުންޏަކުން 194 ބައިވެރިން ބައިވެރިވެފައިވެ އެވެ.

މި އަހަރުގެ ފެއާއަށް ހާއްސަކޮށް ރާއްޖޭން ވަނީ ހާއްސަ ސްޓޭންޑެއް ނުވަތަ ސްޓޯލެއް ހަދާފަ އެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސްޓޯލް ފަރުމާކޮށްފައިވަނީ ފަހުގެ ސިފަތަކަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި އައިޓީބީ ފެއާގެ މި އަހަރުގެ ސްޓޯލް ހަދާފައިވަނީ ސްޓޯލަށް ވަނަ ދޭތީ، ވަނަ ލިބޭނެ ގޮތްތައް ބަލައިގެންނެވެ. އަދި މި އަހަރުގެ ފެއާގެ ސްޓޯލަށް ވަނައެއް ލިބުމުގެ އުންމީދު އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.