ވިޔަފާރި

ހާއްސަ އެހީގެ ކުދިން ވާދަވެރި ރޭހަށް ނެރެ ދިރާގުން ތަފާތު ދައްކައިދީފި

މުޖުތަމައުގައި އޮތީ ކަމުނުދާ ވިސްނުމެކެވެ. ހާއްސަ އެހީއަށް ބޭނުންވުމަކީ ކަންކަމުން އެކަހެރިވާނެ ސަބަބެއް ކަމަށް ގަބޫލު ކުރާ މީހުން އަދިވެސް ހަމަގިނަ އެވެ. މި މުޖުތަމައުގައި މިއޮތް "ކަޓް" ވިސްނުން ބަދަލު ކޮށްލާނެ ހަރަކާތެއް ދިރާގުން މިވަނީ މިއަހަރުވެސް ބާއްވާފަ އެވެ. ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދިރާގުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ، 'ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އެހެން އަހަރުތަކާ ތަފާތެވެ. މިއީ ދިރާގުން މި ފެސްޓިވަލް ބާއްވަމުން އަންނަ ފަސް ވަނަ އަހަރެވެ.

ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މިއަހަރު ދިރާގުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ވާދަވެރި ކަމާއެކު ކުޅިވަރުގައި ވާދަ ކުރެވޭނެ ކަން ސާބިތުކޮށްދީފަ އެވެ. ސްކޫލްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ 10 މުއައްސަސާއަކުން 200 އެއްހާ ދަރިވަރުން ބައިވެރިވި ފެސްޓިވަލްގައި ދިރާގުން ވަނީ 60 މީޓަރާއި 30 މީޓަރު ހިމެނޭ ދުވުން ހިމަނާ ފައެވެ.

"މިދިޔަ އަހަރުން ފެށިގެން އަޅުގަނޑުމެން ދައްކަމުން މިއައީ ދިރާގްގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ކޮމްޕިޓޭޓިވް ސްޕޯޓްސް ހިމެނުމުގެ ވާހަކަ، މިފަހަރު އަޅުގަނޑުމެން މިވަނީ ކޮމްޕިޓޭޓިވް ސްޕޯޓްސް ހިމަނާފަ، މިކަމުގެ ސަބަބުން އެންމެ ބޮޑަށް ލިބޭ އެއްކަމަކީ ކުދިންގެ ސެލްފް ކޮންފިޑެންސާއި ކުދިން އަމިއްލަ ނަފުސަށް ކުރާ އިތުބާރ. އަދި އެހެން ކުދިންނެކޭ އެއްގޮަތަށް ތިމަންނަ މެންނަށްވެސް ވާދަވެރި ކުޅިވަރުގައި ވާދަ ކުރެވޭނެ ކަމުގެ ހިތްވަރު،" ދިރާގް މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިމްޖާދު ޖަލީލް ވިދާޅުވި އެވެ.

ރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިނަލްއަގްވާމީ ވާދަވެރި މުބާރާތްތަކުގައި އަދި މިހާތަނަށް ވާދަ ކޮށްފައި ނުވި ކަމުގައިވިޔަސް، ދުނިޔޭގެ އެހެން ގައުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބާއްވަމުން އަންނަ ޕެރަ ގޭމްސްއަކީ ވާދަވެރި ކުޅިވަރެކެވެ. މިގޮތުން ދުނިޔޭގެ ލޯފަން ކުދިންގެ ފުޓްބޯޅަ މުބާރާތަކީވެސް ގައުމުތަކުގެ މެދުގައި ވާދަވެރި މުބާރާތެކެވެ.

އިމްޖާދު ވިދާޅުވީ ދިރާގްގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ކޮމްޕިޓޭޓިވް ސްޕޯޓްސް ހިމެނުމުން ބައިނަލްއަގްވާމީ ޕެރަ ގޭމްސްގައި ރާއްޖެއިން ވާދަ ކުރާއިރު މި ފެސްޓިވަލުން އެކަމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ވާދަ ކުރި ކުދިންގެ ޓައިމިން އާއި ދުވުމުގެ ސްޕީޑް ދެނެގަތުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ހަރަކާތްތެރިވެފަ އެވެ.

"އެކުދިންގެ އެވަރު ސްޕީޑް ހުރެއްޖެ ކަމުގައިވާނަމަ، އެކުދިންނަށް ވެސް ހުޅުވިގެންދާނެ ކަންނޭންގެ ނެޝަނަލް ސްޕޯޓްސް މީޓްތަކުގައި ބައިވެރިވާން، އެހެންވީމަ އުންމީދަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް ބައިނަލްއަގްވާމީ ޕެރަ ގޭމްސްތަކުގައި ބައިވެރިވާނެ ކަމަށް މީ މި ފެސްޓިވަލުން ލިބޭ ފުރުސަތެއް،" އިމްޖާދު ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެގެ ގޮތުގައި އުފަންވި ނަމަވެސް ވާދަވެރި ކުޅިވަރުތަކުގައި މެޑަލް ހޯދުމަކީ ނުވާނެ ކަމެއް ނޫނެވެ. މިއަހަރު ބޭއްވި ރިއޯ އޮލިމްޕިކްސްގެ ތާރީހްގައި ފެނުނު އެންމެ ކާމިޔާބު އެތުލީޓް އެމެރިކާގެ މަޝްހޫރު ފެތުންތެރިޔާ މައިކަލް ފެލެޕްސް އަކީވެސް އޯޓިސްޓިކް ކުއްޖެއްގެ ގޮތުގައި އުފަންވި މީހެކެވެ. ނަމަވެސް އޭނާ އަކީ އޮލިމްޕިކް ތާރީހްގައި އެންމެ ގިނަ މެޑަލް ހޯދި އެންމެ ކާމިޔާބު އެތުލީޓެވެ.

"ކުޅަދޭ ކޮންމެ ކުއްޖެކޭ އެއްވަރަށް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކީވެސް ދުވެވޭނެ ވާދަ ކުރެވޭނެ ކުއްޖެއް އޭގެ މިސާލެއް އެމެރިކާގެ މަޝްޙުރު ފެތުންތެރިޔާ މައިކަލް ފެލެޕްސް އޮލިމްޕިކް ތާރީހްގައި އެންމެ ގިނަ މެޑަލް އޮތީ ފެލެޕްސް އޯޓިޒަމްގެ ސްޕެކްތަރަމްގައި އުޅުނަސް ވާނެކަން ވަނީ ސާބިތުކޮށްދީފ، އެހެންވީމަ މި ފެސްޓިވަލަކީވެސް ކޮމްޕިޓޭޓިވް ރޭސްތަކުގައި ދުވެވޭނެކަން ސާބިތުކޮށްދޭނެ ފެސްޓިވަލެއް." އިމްޖާދު ވިދާޅުވި އެވެ.