ހަބަރު

ޑޮލަރު ވިއްކުން ހުއްޓާނުލާނެ، އިތުރަށް ފަސޭހަ ކޮށްދޭނަން: އެމްއެމްއޭ

Oct 26, 2016
2

ރާއްޖެއިން ބޭރަށްދާ މީހުންނަށް އެކި ބޭނުންތަކަށް ޑޮލަރު ވިއްކަމުން އަންނަ އައުން ހުއްޓާލަން އެމްއެމްއޭ އިން ނިންމައި އެގޮތަށް އަންގާފައިވާ ބުނެ ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް މަރުކަޒީ ބޭންކާއި، ފިނޭންސް މިނިސްޓްރީ އަދި ބޭންކްތަކުން ވެސް މިރޭ ބުނެފި އެވެ.

އެމްއެމްއޭގެ ތަރުޖަމާން މަންސޫރު ޒުބައިރު ވިދާޅުވީ، އެކި ބޭނުންތަކަށް ބޭރަށް ދާ ފަރާތްތަކުގެ ޓިކެޓަށް ބޭންކްތަކުން ދޫކުރަމުން އަންނަ 500 ޑޮލަރު މިހާރު ވެސް ލިބެމުން އަންނަ އުސޫލުން ލިބޭނެ ކަމަށާއި އެކަން ހުއްޓާލަން އެމްއެމްއޭ އިން ވިސްނާފައި ވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް، ޑޮލަރު ހޯދުމަށް އާންމުންނަށް އަދިވެސް ދަތިތައް ހުރުމުން ޓިކެޓަށް ޑޮލަރު ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އެމްއެމްއޭ އާއި ބޭންކްތަކުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ބައެއް ނޫސްތަކުން މިރޭ ބުނި ގޮތުގައި އަންނަ މަހުގެ މެދު ތެރެއިން ފެށިގެން ބޭރަށް ދާ މީހުންނަށް ބޭންކްތަކުން ޑޮލަރު ވިއްކުން ހުއްޓާލަން ވަނީ ނިންމައި، އެކަން ނުރަސްމީކޮށް ބޭންކްތަކަށް އަންގައިފަ އެވެ.

"އަޅުގަނޑުމެން ޔަގީންކަން ދެން ރައްޔިތުންނަށް މި ލިބޭ 500 ޑޮލަރު ހަމަ ލިބެމުން ދާނޭ މިހާރެކޭ ވެސް އެއްގޮތަށް. އެކަމަށް އެއްވެސް ބަދަލެއް ނާންނާނޭ. އެކަމަކު މިހާރު ޑޮލަރު ވަރަށް ދަތީގައި އާންމުން އެބަ ޖެހޭ ހޯދަން. އެހެންވެ އެއަށް ވުރެ ފަސޭހައިން ޑޮލަރު ލިބޭނެ ގޮތެއް ހަދަން މި މަޝްވަރާ މި ކުރަނީ،" މަންސޫރު ވިދާޅުވި އެވެ.

އެންމެ ގިނައިން ޑޮލަރު ވިއްކާ ބީއެމްއެލް އާއި އިސްލާމިކް ބޭންކް، އެމްއައިބީގެ އޮފިޝަލުން ވެސް ވިދާޅުވީ އެފަދަ އެންގުމެއް އެމްއެމްއޭ އިން ނާނގާ ކަމަށާއި ޑޮލަރު ވިއްކުން ހުއްޓާލަން ނުނިންމާ ކަމަށެވެ. ފިނޭންސްގެ އިސް އޮފިޝަލަކު ވެސް ވިދާޅުވީ އެފަދަ ނިންމުމެއް ނުނިންމާ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ޑޮލަރުން އެކި ފަރާތްތަކަށް ސަރުކާރުން ދައްކަން ޖެހޭ ބޮޑެތި ފައިސާގެ އަދަދުތައް މިހާރު ދައްކާ ނިމިފައިވާތީ މިހާރު ޑޮލަރު ވިއްކުން ހުއްޓާލަން ނިންމަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޓޫރިޒަމް ސީޒަންގައި ޑޮލަރުގެ ސާކިއުލޭޝަން އިތުރުވާނެތީ އެ ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެފަދަ ނިންމުމެއް ނެތްކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ފިނޭންސްގެ އިސް އޮފިޝަލް ވިދާޅުވި އެވެ.