ހައިކޯޓް

މައުމޫން ހައިކޯޓަށް ވެއްދި މައްސަލަ ބަލައިނުގަތް

ޕީޕީއެމްގެ ހިންގުން ވަގުތީ ގޮތުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ލިބޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު ކުރުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

އެ މައްސަލަ ހައިކޯޓުން ބަލައިނުގަތީ، އެ މައްސަލާގެ ދައުވާގައި ބިނާކޮށްފައިވާ ކަންތައްތައް އެހެން ގަޒިއްޔާއަކުން ބަލައި ހުކުމެއް ކޮށްފައިވާތީ ކަމަށް އެ ކޯޓުން މައުމޫނަށް ވަނީ އަންގާފަ އެވެ.

ޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރަށް ހަވާލު ކުރަން އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މައުމޫން ސިވިލް ކޯޓަށް ހުށަހަޅަން ތައްޔާރުވަމުންދަނިކޮށް އެ މައްސަލަ އެ ޕާޓީގެ އަމިއްލަ މެންބަރެއް ކަމަށްވާ އައްބާސް ވާފިރު ވަނީ އިސްތިއުނާފު ކުރި އެވެ. އަދި އެ މައްސަލާގައި މިހާރު ވަނީ ހުކުމް ވެސް ކޮށްފަ އެވެ.

އެ މައްސަލާގެ ތެރެއަށް މައުމޫން ތަދައްހުލްވެ ބޭނުންވާ ވާހަކަތަކާއި ނުކުތާތައް ފާހަގަކޮށްފައިވެ އެވެ. އެ މައްސަލަ ނިމިފައިވަނީ މައުމޫނާ ދެކޮޅަށެވެ. ހައިކޯޓުން ވެސް ތާއިދުކުރީ ސިވިލް ކޯޓުގެ ހުކުމަށެވެ. އެ ހުކުމް ބަލައިނުގަނެ، މައުމޫން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.