ހަބަރު

ނާޒިމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި

މަކަރާއި ހީލަތް ހެދި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލަތަކުގެ ހުރިހާ އަޑުއެހުންތަކެއް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ.

މަކަރާއި ހީލަތުން ސަރުކާރުގެ ހަތަރު ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމަށް ބުނެ މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާއެއް ދައުލަތުން ނާޒިމްގެ މައްޗަށް އުފުލި ނަމަވެސް ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ އެކަމުގައި ނާޒިމް ކުރީ ކުށެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންވެ އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރީ އެވެ.

އެ ހަތަރު މައްސަލައިގެ އަޑުއެހުންތައް ވެސް މިއަދު އެކި ގަޑިތަކުގައި ބާއްވަން ތާވަލްކޮށްފައި އޮތް ނަމަވެސް އޭގެ ތެރެއިން އެއް މައްސަލައެއްގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ފަހު ފަނޑިޔާރުން ވަނީ ބާކީ އޮތް ތިން މައްސަލައިގެ އަޑުއެހުންތައް ވެސް ނިމުނީ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އެގޮތަށް ފަނޑިޔާރުންގެ ބެންޗުން ނިންމީ އެ ހަތަރު މައްސަލައަކީ ވެސް އެ ބާވަތެއްގެ ކަމަކާ ގުޅިގެން ދައުވާ ކުރާ މައްސަލައަކަށް ވާތީ އެ ހުރިހާ މައްސަލަތަކުގައި ވެސް ދައްކަން ހުރީ އެއް ވާހަކަތަކެއް ކަމަށް ދެ ފަރާތުން ވެސް މިއަދުގެ އަޑުއެހުމުގައި ބުނުމުންނެވެ.

އަޑުއެހުންތައް ނިމުމުން ދެން އޮންނަނީ ހުކުމް ކުރުން ކަމަށް ވީ ނަމަވެސް އެ މައްސަލަތަކުގެ ހުކުމް އިއްވާނެ ދުވަހެއް ފަނޑިޔާރުންގެ ބެންޗުން ވިދާޅެއް ނުވެއެވެ.

ކުރިން މަޖިލީހުގެ ނައިބު ރައީސް ކަން ވެސް ކުރެއްވި ނާޒިމާ ދެކޮޅަށް ދައުލަތުން އިސްތިއުނާފް ކުރި އެ މައްސަލަތަކުގައި ކުރިން އެދިފައި އޮތީ އެ މައްސަލަތައް އަލުން ބަލަން ދަށު ކޯޓަށް އަމުރުކޮށް ދިނުމަށް ނަމަވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ މައްސަލައިގެ ފައިސަލާ ކުރުވަނިވި ހުކުމެއް އިއްވައި ދިނުމަށް އެދިފަ އެވެ.

އެކަމަށް ދެކޮޅު ހަދައި، ނާޒިމްގެ ފަރާތުން ވާހަކަ ދައްކަން ފެށުމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ މައްސަލަ ނިންމުމުގައި ފަނޑިޔާރުން ބަލާނީ ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރިއިރު އެދިފައި އޮތް އެދުމާ މެދު އެކަނި ކަމަށެވެ. ނަމަވެސް ފައިސާ ކުރުވަނިވި ހުކުމެއް ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެއެވެ.

އެ މައްސަލަ ބަލަނީ އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އެ މައްސަލައިގެ ޝަރީއަތް އެ ކޯޓުން ފެށީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.