ހަބަރު

މާފަންނު މަދަރުސާ އިން މާޝަލް އާޓްސް ކްލާސްތަކެއް ތައާރަފްކޮށްފި

Mar 5, 2015

މާޝަލް އާޓްސް އެކަޑެމީ އޮފް މޯލްޑިވްސްއާ ގުޅިގެން މާފަންނު މަދަރުސާ އިން މާޝަލް އާޓްސް ކްލާސްތަކެއް މިއަދު ތައާރަފްކޮށްފި އެވެ.

މި ކްލާސްތައް ކުރިއަށް ގެންދިއުމަށް މާފަންނު މަދަރުސާ އާއި މާޝަލް އާޓްސް އެކަޑެމީއާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ސްކޫލުން ބުނަނަނީ މިއީ ދަރިވަރުންނާއި އާންމުންނަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކްލާސްތަކެއް ކަމަށެވެ.

"އުމުރުން ހަތް އަހަރުން މަތީގެ ކޮންމެ ކުއްޖަކަށް އަދި މީހަކަށް ވެސް މި ކްލާސްތަކުގައި ބައިވެރިވެވިދާނެ. ބައިވެރިންނަށް ތަމްރީން ދޭނީ ކަމުގެ ތަޖުރިބާ ލިބިފައިވާ އަދި މި ދާއިރާ އިން ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކުން،" ސްކޫލުން ބުނެފައިވެ އެވެ.

މާފަންނު މަދަރުސާ އާއި މާޝަލް އާޓްސް އެކަޑެމީން ބުނަނީ މި ކްލާސްތައް ވެގެން ދާނީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ދަރިވަރުންނާއި އޭގައި ބައިވެރިވާ އާންމު ފަރާތްތަކަށް ވެސް ލިބިގެންދާނެ ކްލާސްތަކަކަށް ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން މާޝަލް އާޓްސްގެ ގަވާއިދުތަކާ އެކު ދަރިވަރުންގެ އުޅުމާއި އަހުލާގަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން މި ކްލާސްތަކުގެ ތަޖުރިބާކާރުން ދެ އެވެ.

މި ކްލާސްތައް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައު ސޮއިކުރީ މާފަންނު މަދަރުސާގެ ޕްރިންސިޕަލް އަހުމަދު ފާރޫގް އާއި މާޝަލް އާޓްސް އެކަޑެމީގެ ފައުންޑާ އަހުމަދު ރިޒްވީ އެވެ.