ހޮޓެލް ޖެން

ޖެން ހޮޓެލްގެ ޓީޗާސް ޑޭ ކާޑް މުބާރާތުގެ އެއްވަނަ މީކާއީލްއަށް

ޓީޗަރުންގެ ދުވަހާ ގުޅިގެން ހޮޓަލް ޖެންއިން ބޭއްވި ކާޑު ޑިޒައިން ކުރުމުގެ މުބާރާތުގެ އެއްވަނައަށް ރެހެންދި ސްކޫލުގެ އަލީ މީކާއިލް ހޮވިއްޖެ އެވެ. ހޮޓަލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މީކާއިލްއަށް ސެޓްފިކެޓާއި އިނާމް ހަވާލުކޮށްދިނީ އެކްޓިން ޖެނަރަލް މެނޭޖާ ގޮލްޑަން ވެސެލް ވައިޓްހެޑް އެވެ.

ހޮޓެލް ޖެންގެ އެސިސްޓަންޓް މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖާ ނީނާ މުހައްމަދު މިއަދު ވިދާޅުވީ މިފަދަ ހާއްސަ ދުވަސްތައް ހޮޓަލް ޖެންއިން ފާހަގަ ކުރާއިރު ޓީޗަރުންގެ ދުވަހުގައި ވީހާވެސް ބޮޑަށް ކުޑަކުދިންގެ ބައިވެރުވުން ހިމެނޭ ފަދަ ގޮތަކަށް ކުރިޔަށް ގެންދަން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާން މިމަހު އެކަކުން ފެށިގެން 21 އަށް ހުޅުވާލުމުން 40 އަށް ވުރެއް ގިނަ ކާޑުތަކުގެ ފޮޓޯ ހުށަހެޅި ކަމަށެވެ.

"ކުދިންނަށް ހުޅުވާލީ ގޭގައި ތިބެގެން ކާޑު ޑިޒައިން ކުރުމަށް ފަހު އޭގެ ފޮޓޮއެއް ހޮޓަލް ޖެންއަށް އީމެއިލްކޮށްލަން. އެއިން އެންމެ ރީތި 10 ކާޑެއް ހޮވާފައި އެންމެ މޮޅު ތިނަކަށް އިނާމް ދިނީ،" ނީނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ސޯޝަލް މީޑިއާގައި މި މުބާރާތް ހުޅުވާލީ. ސްކޫލުތަކަށް ވެސް ގުޅާފައި އެކަންކަން އެންގިން. ސްކޫލްތަކުން ވަރަށް ތަރުހީބު ލިބުން. އާޓް ޓީޗަރުން ވެސް މި މުބާރާތް ޕްރޮމޯޓު ކުރަން މަސައްކަތް ކުރި،"

ކާޑް ޑިޒައިނިން މުބާރާތުގެ އެއްވަނަ މީކާއިލްއަށް ލިބުނު އިރު މުބާރާތުގެ ދެވަނައަށް ހޮވުނީ ތާޖުއްދީން ސްކޫލުގެ އަށް އަހަރުގެ ދަރިވަރެއް ކަމަށްވާ މާޝީ މުހައްމަދު ބިލާލް އެވެ. ތިން ވަނައަށް ހޮވުނީ ހަމަ އެ ސްކޫލުގެ ދަރިވަރެއް ކަމަށްވާ އިބްރާހިމް މާދް ސާޖިދް އެވެ.