ހަބަރު

ދައުވާއަށް އިންކާރުކޮށް ޒިޔާދު ހެކި ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ އިސްގާޡީ އަބްދުﷲ މުހައްމަދު ބަންދު ކުރިކަމުގެ ދައުވާއަށް އޭރުގެ ސިފައިންގެ އޮޕަރޭޝަންސް ޑައިރެކްޓާ ކާނަލް މުހައްމަދު ޒިޔާދު އިންކާރު ކުރެއްވުމުން އޭނާއާ ދެކޮޅަށް ދައުލަތުން މިއަދު ހެކި ހުށަހަޅައިފި އެވެ.

އަބްދުﷲ ގާޒީ މައްސަލައިގައި ޒިޔާދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދު ހަވީރު ބޭއްވި އަޑުއެހުމުގައި ޒިޔާދު ވަނީ ދައުލަތުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އޭނާ ދައުވާއަށް އިންކާރު ކުރުމުން އޭނާއާ ދެކޮޅަށް ވަނީ ހެކި ހުށަހަޅައިފަ އެވެ.

ދައުލަތުން ޒިޔާދާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އިސް އޮފިސަރުންނާއި ވީޑިއޯ އާއި އޯޑިއޯގެ އިތުރުން ބައެއް ޑޮކިއުމެންޓް ވެސް ހިމެނެއެވެ. ޒިޔާދުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ސިފައިންގެ އިސް އޮފިސަރުންނާއި ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައިވާ ބޭފުޅުން ވެސް ހިމެނެއެވެ.

މިއަދުގެ އަޑުއެހުމުގައި ޒިޔާދުގެ ފަރާތުން ވަނީ އިޖްރާއީ ނުކުތާއެއް ނަގަން މަސައްކަތްކޮށްފަ އެވެ. ދައުވާ އަނބުރާ ގެންދިއުމަށް ފަހު އެ މައްސަލައެއް އަލުން ހުށަނޭޅޭނެ ކަމަށް ބުނެ ޒިޔާދުގެ ފަރާތުން އެ ނުކުތާ ނަގަން މަސައްކަތް ކުރުމުން ފަނޑިޔާރުން ވަނީ ޒިޔާދުގެ ވަކީލް ވާހަކަތައް ހުއްޓުވައި، އެ ނުކުތާ ނުނެގޭނެ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލައިގައި ދައުވާލިބޭ އެހެން ބޭފުޅުންގެ ފަރާތުން ވެސް އެ ނުކުތާ ނެގުމުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާތީ ޒިޔާދަށް މިހާރު އެ ނުކުތާ ނުނެގޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ޒިޔާދު ވިދާޅުވީ ސިފައިންގެ އިސްވެރިން ކުރާ އަމުރުތަކަށް ތަބާވުމަކީ އޭނާގެ މައްޗަށް ލާޒިމް ކަމެއް ކަމަށާއި ކޮންމެ އަމުރަކާ މެދު ގާނޫނީ ލަފާ ހޯދުމުގެ ފުރުސަތު އޭނާއަށް ނޯންނަ ކަމަށެވެ. އަދި އޭނާއަކީ އޮޕަރޭޝަނަލް ސްޓާފެއް ކަމަށާއި އޭނާގެ ދައުރަކީ މާލޭ އޭރިޔާގެ ކޮމާންޑަރު އިބްރާހިމް ދީދީ ކުރައްވާ އަމުރުތައް އޮޕަރޭޝަންގައި ހަރަކާތްތެރިވާ ސިފައިންނަށް ފޯރުކޮށް ދިނުން ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދުގެ ވަކީލް މަޒްލާން ރަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ އޮޕަރޭޝަނަކީ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް ހިންގާ އޮޕަރޭޝަނެއް ކަމަށް އިބްރާހިމް ދީދީ ވަނީ ވިދާޅުވެފަ އެވެ. އޭރު އޮޕަރޭޝަންސް ޑައިރެކްޓަރަކީ ޒިޔާދު ކަމަށް ވާތީ އޯޑަރު ޕާސް ކުރުމުގެ ކަންކަން ޒިޔާދާ ހަވާލުކުރީ ކަމަށް އިބްރާހިމް ދީދީ ވިދާޅުވެފައިވާ ކަމަށް ވެސް މަޒްލާން ވިދާޅުވި އެވެ.

އެކަމަށް ރައްދު ދީ ދައުލަތުން ބުނީ ޒިޔާދަށް އަންނަ އަމުރުތަކާ މެދު ގާނޫނީ ލަފާ ހޯދުމުގެ ފުރުސަތު އޭނާއަށް އޮތް ކަމަށާއި އެހެންވެ އެކަމުގެ ޒިންމާ ޒިޔާދު ނަގަންޖެހޭނެ ކަމަށެވެ.

ދެ ފަރާތުން ވެސް ހެކި ހުށަހަޅާފައިވާތީ ޒިޔާދުގެ މައްސަލައިގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން މިރޭ ކުރިއަށް ގެންދާނެ އެވެ.