ޖިންސީ ގޯނާ

އިތުބާރު ކުރެވޭ މަގާމެއްގައި ތިބެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ދެމީހަކު ޖަލަށް

Oct 30, 2016
2

އިތުބާރު ކުރެވޭ މަގާމެއްގައި ތިބެ ކުޑަކުއްޖަކާ ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވި ދެ މީހަކު 15 އަހަރަށް ޖަލަށްލާން ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

އިތުބާރުކުރެވޭ މަޤާމެއްގައި ތިބެ ކުޑަކުއްޖަކާ ޖިންސާ އަމަލެއް ހިންގުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ޙުކުމްކޮށްފައިވަނީ ކުނުދޫ، ދިއްގާގަސްދޮށުގެ، ފާތިމަތު ރަޝީދާ 41، އާއި ހދ. ވައިކަރަދޫ، ތަރިވިދާގެ، އަހުމަދު ހަލީމް 45، ގެ މައްޗަށެވެ.

އަހުމަދު ހަލީމާއި ފާތިމަތު ރަޝީދާގެ މައްޗަށް އިތުބާރުކުރެވޭ މަގާމެއްގައި ތިބެ ކުޑަކުއްޖަކާ ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ އުމުރުން ހަ އަހަރުން ފެށިގެން އެކި ދުވަސްމަތިން ކުޑައަންހެން ކުއްޖަކަށް ޖިންސީ އަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މައްޗަށް ޝަރީއަތް ހިންގުމަށް ފަހު އެވެ.

މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމްގައި ބުނަނީ ޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލަތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އިތުރުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ އަލެއް ހިންގުމުގެ ކުށުގައި ދަޢުލަތުން ކޮށްފައިވާ ދައުވާ އެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ މަދުވެގެން ފަސް ބާވަތުގެ ހެކި ޝަރީޢަތަށް ލިބިފައިވާތީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ފަދައިގެން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގެން އަޙްމަދު ހަލީމް އާއި ފާތިމަތު ރަޝީދާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމް ކުރީ ކަމަށެވެ.