ހަބަރު

ޓޫރިޒަމަށް ވަންނަ ހުރިހާ ފައިސާ މީރާއަށް ބަލައިގަންނަން ނިންމައިފި

Oct 30, 2016
2

ޓޫރިޒަމް މިިނިސްޓްރީއަށް މިހާރު ވަންނަ ހުރިހާ ފައިސާ އާއި އެހެނިހެން ގޮތްތޮތުން ވަންނަ ފައިސާ މޯލްޑިވްސް އިންލެންޑް ރެެނިއު އޮތޯރިޓީ (މީރާ) އަށް ބަލައި ގަންނަ ގޮތަށް ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓްރީއަށް ވަންނަ ފައިސާއާއި އާމްދަނީ މީރާ މެދުވެރިކޮށް ބަލައިގަތުމުގެ އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މޫސާ ޒަމީރެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މީގެ އަހަރެއްހާ ދުވަސްކުރިން އެމްއެމްޕީއާރްސީން ދިމާވި މައްސަލަތަކާ ގުޅިގެން ޓޫރިޒަމަށް ވަންނަ އާމްދަނީ މެނޭޖްކުރުމަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ރައީސް އަޅުއްވާފައިވާ ކަމަށާއި، މިއަދު ސޮއިކުރި އެއްބަސްވުމާއެކު މީގެ ފަހުން ޓޫރިޒަމް މިނިސްޓްރީން އެއްވެސް ހިދުމަތެއްގެ ފައިސާ ބަލައި ނުގަންނާނެ ކަމަށެވެ. އެ މިނިސްޓްރީ މެދުވެރިކޮށް ރަށްތައް ދޫކުރުމުން ފެށިގެން ލައިސަންސްތަކަށް ދައްކަންޖެހޭ ފައިސާވެސް މީގެ ފަހުން ދައްކަންޖެހޭނީ މީރާއަށް ކަމަށާއި މީގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ވެސް ވަރަށް ބޮޑު މަންފާއެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީއަށް ލިބޭ އެކި ފީތަކާއި ޓެކްސް ތައް މީރާއިން ބަލައިގަންނަ ގޮތް ހެދުމުގެ އިތުރަށް މީރާއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަހިކުރުމަށް މީރާއަށް އެ މިނިސްޓްރީގެ ޑޭޓާތައް ހިއްސާކުރުމާގުޅޭ އުސޫލުވެސް މިއަދު ސޮއިކުރި އެއްބަސްވުމާއެކު ކަނޑައެޅިގެން ގޮސްފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މީރާގެ ގާނޫނު ހެދުމުގެ އެންމެ ބޮޑު މަގްސަދަކަށް ވެފައި އޮތީ ސަރުކާރަށް ލިބޭ އާމްދަނީ އެންމެ ހަރުދަނާކޮށް، އެކައުންޓަބަލް ގޮތެއްގައި އެއް ފުރާޅެއްގެ ދަށުން ރަނގަޅަށް ކުރެވޭ ގޮތް ހެދުން، އެހެންވީމަ މީރާއަށް ޓެކްސްގެ ގާނޫނާއި އިދާރީ ގާނޫނާއި އެނޫންވެސް ގާނޫނުތަކުގެ ދަށުން ލިބިދޭ ބާރުގެ ދަށުން މިކަންކަން ކުރެވިގެން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ކުރަންޖެހުނު ފައިސާ ބަލައިގަތުމުގެ އެންމެހާ ހިދުމަތެއް މީރާއަށް ބަދަލުކުރުމާއެކު އޭގެ ހެޔޮ ފައިދާ ކުރިއަށް އޮތްތަނުގައި ބަޖެޓަށް ވެސް ކުރާނެ ކަމަށެވެ. އެގޮތުން، ޑަބަލްކޮށް އެމަސައްކަތް ކުރަން މިހާތަނަށް އޮތް އޮތުން ބަދަލުކުރުމުން މިނިސްޓްރީއިން މީގެ ކުރިން ރިވެނިއު މެނޭޖްކުރުމަށް ކުރަންޖެހުނު ވަރަށް ގިނަ ހަރަދުތަކެއް މުޅިން އުނިވެގެންދާނެ ކަމަށެވެ.

"މިނިސްޓްރީގެ ތެރޭގަ ބައެއް ފީތަކާ އެހެންވެސް ފައިސާ ބަލައިގަތީމަ، އެ ކަމަށް ވަރަށް ގިނަ އޮޑިޓް މަސައްކަތްތަކާ ކަންކަން ކުރަންޖެހޭ މުވައްޒަފުންގެ އިތުރަށް.
އެކަމަކު މީރާ މެދުވެރިކޮށް މިކަންކަން ކުރެވޭގޮތް ހެދުމުން މީގެ ސަބަބުން ބަޖެޓަށް އަންނާނެ ބޮޑު ލުޔެއް، މުވައްޒަފުންނާ އަދި އިތުރު ރިސޯސަސްތައް ސަލާމަތްވެ ބަޖެޓަށްވެސް ލުއި ލިބިގެންދާނެ،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެއްބަސްވުމާއެއްގޮތަށް ޓޫރިޒަމް މިނިސްޓްރީގެ ބައެއް ޑޭޓާތައް މީރާއާ ހިއްސާކުރި ނަމަވެސް އެ މިނިސްޓްރީއާ ގުޅިފައިވާ ވަކި ކުންފުނިތަކުގެ ޑޭޓާތައް ހާމަ ނުކުރާނެ ކަމަށެވެ.

ކޮމިޝަނާ ޔަޒީދު ވިދާޅުވީ، މިއަދުގެ އެއްބަސްވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މީރާއާ ހިއްސާކުރާ ބައެއް މައުލޫމާތު، ހާއްސަކޮށް ވަކި ވަކި ޓެކްސް ޕޭޔަރުންގެ މައުލޫމާތު އެއްވެސް ހާލަތެއްގައި މީރާއިން ހާމަނުކުރާނެ ކަމަށެވެ. އެއީ މީރާގެ ގާނޫނާވެސް ހިލާފު ކަމެއް ކަމަށާއި ވަކި ފަރުދެއްގެ މައުލޫމާތު މީރާއިން ހާމަކުރާނީ ހަމައެކަނި ޓެކްސް ނުދެއްކުމާއި ދައްކަންޖެހޭ ފައިސާއެއް ނުދެއްކުން ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި އެކަނި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މީރާއާ ގުޅިގެން މަސައްކަތްކުރުމަށް ނިންމި ނިންމުމާއެކު ޓެކްސްގެ ނިޒާމް ތަންފީޒުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެ ވެސް ޔަޒީދު ވިދާޅުވި އެވެ.