ވިޔަފާރި

ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ ބޮޑުކުރުމަށް ފަހު ހުޅުވައިފި

Oct 30, 2016
1
  • ޑޮމެސްޓިކް ޓާމިނަލްގައި ހިލޭ ވައިފައި
  • ސެކިއުރިޓީ ދެ މޭޒު ގާއިމް ކޮށްފައިވޭ
  • ޕެސެންޖަރުން ތިބުމަށް ތަނަވަސް ޖާގަ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިންއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލް ޖާގަ ބޮޑުކޮށް، ތަނަވަސްކޮށް އެތަން މިއަދު ހުޅުވައިފި އެވެ.

އައިއެންއައިއޭ ޑޮމެސްޓިކް ޓާމިނަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަލަށް ބޮޑު ކުރި ބައި ހުޅުވައި ދެއްވުމަށްފަހު، ވާހަކަ ދައްކަވަމުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެތެރޭގެ އުދުހުންތަކަށް ބާރު ބޮޑުވަމުން ދިއުމާއެކު، އަލަށް ގެނެވުނު މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ ބޮޑުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހަމައެކަނި ކުރަމުން މިދަނީ މައި އެއާޕޯޓުގެ މަޝްރޫއު އެކަންޏެއް ނޫން. މިއާއެކު އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް ވެސް މި ދަނީ ކުރަމުން،" އާދިލް ވިދާޅުވި އެވެ.

އައިއެންއައިއޭ ޑޮމެސްޓިކް ޓާމިނަލް އަށް އަލަށް ގެނެސްފައިވާ ބަދަލާއެކު، ޓާމިނަލަށް ވަންނަ މީހުން އިށީންދެގެން ތިބުމަށް ހަދާފައިވާ 90 ގޮނޑީގެ އިތުރަށް 70 ގޮނޑި ވަނީ އިތުރުކޮށްފަ އެވެ. މީގެ އިތުރުން ޑޮމެސްޓިކް ޓާމިނަލްގެ ތެރޭގައި އޮންނަ ވެއިޓިން އޭރިއާއަށް އިތުރު 50 ގޮނޑީގެ ޖާގަ ވަނީ އިތުރުކޮށްފަ އެވެ. އަދި ޓާމިނަލްގެ އެތޭގައި ހިލޭ ވައިފައިގެ ހިދުމަތް ތައާރަފު ކުރުމުގެ އިތުރުން ރިސޯޓުތަކާއި ރަށްރަށަށް ދަތުރު ކުރަން އަންނަ މީހުންގެ ސެކިއުރިޓީ ޗެކިން ހެދުމަށް ކުރިން ހުރި އެއް ސެކިއުރިޓީ މެޝިން ވަނީ ދެ މެޝިނަށް ބަދަލުކޮށްފަ އެވެ.

އައިއެންއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މައި އެއާޕޯޓުގެ ޕެސެންޖަރު ޓާމިނަލް އާއި ރަންވޭ ބޮޑު ކުރުން ފަދަ މައި މަސައްކަތްތައް ވަނީ ފަށާފަ އެވެ. މިގޮތުން މުޅި މަޝްރޫއުގެ އަގު 800 މިލިއަން ޑޮލަރަށް އަރާއިރު، އާ ޕެސެންޖަރު ޓާމިނަލް މަޝްރޫއަށް 300 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ. އަދި މުޅިން އަލަށް އަޅާ ރަންވޭއަށް 400 މިލިއަން ޑޮލަރު ހަރަދު ކުރާނެ އެވެ.