ހަބަރު

އެއްވުންތައް ބާއްވަނީ ފުލުހުންގެ ބޮލުގައި ބަދުނާމުއަޅުވައި ދުނިޔެއަށް ދައްކަން: ސީޕީ

Mar 5, 2015
1

މިހާރު މާލޭގައި އެއްވުންތައް ބާއްވަމުން ގެންދަނީ ފުލުހުންގެ ބޮލުގައި ބަދުނާމުތަކެއް އަޅުވައި އެކަން ބޭރު ދުނިޔެއަށް ދެއްކުމަށް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސެން ވަހީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ޑިޓެންޝަން ރަށް، ފޭދޫ ފިނޮޅުގައި ތަމްރީން ހަދަމުން އަންނަ ފުލުހުންނާ މިއަދު ބައްދަލު ކުރައްވައި ކޮމިޝަނަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށާއި ހިދުމަތްތަށް ރައްޔިތުން އިހުތިރާމް ކުރަމުން އަންނަ އިރު، މަދު ބަޔަކު މަސައްކަތް ކުރަނީ ދިވެހި ފުލުހުންގެ މަސައްކަތާދޭތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށްކަމަށެވެ. ކޮމިޝަނަރު ވިދާޅުވީ މުޒާހިރާ ތަކާ އެއްވުންތަކުގައި ބައިވެރިވާ ފަރާތުން ފުލުހުންނަށް ކިތަންމެ ވަރަކަށް ޕްރެޝަރު އައި ނަމަވެސް ލިބިފައިވާ ތަމްރީނުގެ ބޭނުންހިފައި ޕްރޮފެޝަނަލްކަމާއި ކެތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ދިވެހި ފުލުހުން ދިވެހި ރައްޔިތުންގެ އިންސާނިއްޔަތުކަމަށް އަބަދުވެސް އިޙްތިރާމް ކުރާނެ. އޭގެ ރީތި ނަމޫނާ މިހާރު ކުރިޔަށްދާ ސިލްސިލާ އެއްވުންތަކާ އިޙްތިޖާޖްތަކުގެ ތެރެއިން ފެނިގެންދާނެ. އެކި ގޮތްގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގެނީ ޝުއޫރުތަކެއް ފާޅުކުރުމުގެ ނަމުގައި ބާއްވާ އެއްވުންތަކެއް ނަމަވެސް މިއެއްވުންތަކުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ދިވެހި ފުލުހުންގެ ބޮލުގައި ބަދުނާމުތަކެއް އަޅުވައި އެކަން ބަޔަކަށް ދެއްކުންކަން،" ކޮމިޝަނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުލުހުން އަބަދުވެސް މަސައްކަތް ކުރަނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ފައިހަމަކޮށް، ޕްރޮފެޝަނަލް ކަމާއެކު ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމް ކޮށްގެން ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން، އެހެން މީހުންގެ މިނިވަންކަމަށާއި ހައްގުތަކަށް އުނިކަންލިބި ވިޔަފާރިތަކަށް ގެއްލުން ނުލިބޭގޮތަށް ބާއްވާ އެއްވުންތަކަށް ފުލުހުންގެ ފަރާތުން ރައްކާތެރިކަން ދެމުންގެންދާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނުގެ ހަމަތައް ދެމެހެއްޓުމަށް ފުލުހުންގެ ބޮލުގައި އެޅިފައިވާ ޒިންމާ އަދާކުރުމުގައި ސާބިތުކަން މަތީގައި ދެމިތިބޭނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

"މިހާރު ބާއްވަމުންދާ ސިލްސިލާ އެއްވުންތަކާ ގުޅިގެން ރަށުތެރޭގެ އަމަން ނަގާލުމަށް ބަޔަކު މަސައްކަތް ކުރިނަމަވެސް ދިވެހި ފުލުހުންގެ ބަދަހި ސަފުތަކެއްގައި ތިބެގެން މުޅި ގައުމުގެ މަޝްރަހު އަމާންކުރުމަށް ތިޔަ ކުރައްވާ ގައުމީ މަސައްކަތްތައް އަޅުގަނޑު ފާހަގަ ކުރަން. ވަކިން ހާއްސަކޮށް 2015 ފެބުރުއަރީ 27 ވަނަ ދުވަހު ދިވެހި ފުލުހުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިކަމާ ހުނަރުވެރިކަމާ ކުޅަދާނަކަމަށްޓަކައި ފުލުހުންގެ އެންމެ އިސްމީހެއްގެ ހައިސިއްޔަތުން ފުލުހުންނަށް ސެލިއުޓް ކުރަން،" ކޮމިޝަނަރު ވިދާޅުވި އެވެ.

ކޮންމެ ދަނޑިވަޅެއްގައި ވެސް ފުލުހުން ވާން ޖެހޭނީ ގައުމުގެ ސުލްހަ މަސަލަސްކަމަށް އިސްކަންދޭ ރައްޔިތުންގެ ހައްގުތަކާއި އިންސާނީ ކަރާމާތައް އިހުތިރާމް ކުރާ ބަޔަކަށް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންނާ މުހާތަބު ކުރަން ޖެހޭނީ ރިވެތި ކަމާއި އޯގާތެރިކަމާ އެކުގައި ކަމަށާއި ފުލުހުންގެ މިފަދަ ކަންކަން ފެނި ރައްޔިތުންގެ މެދުގައި ފުލުހުންނަށް އޮންނަ ގަދަރާއި ލޯބި އުފުލޭނެ ކަމަށް ވެސް ވިދާޅުވި އެވެ.