- ކުރިން ނަގަމުން ދިޔައީ 100ރ.
- މާދަމައިން ފެށިގެން ނަގާނީ 30ރ.
- އަހަރަކު 12 މިލިއަން ގެއްލުންވާނެ
ހދ. ކުޅުދުއްފުޓާއި ކ. މާފުށީގެ ނަރުދަމާ އިން ގައުމީ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނަގާ އަގު މާދަމާ އިން ފެށިގެން 70 ޕަސެންޓް ހެޔޮ ކުރަން ނިންމައިފި އެވެ.
ގައުމީ ފެން ކުންފުނީގައި ބޭއްވި ނިއުސް ކޮންފަރެންސުގައި އެ ކުންފުނީގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވީ ހދ. މަކުނުދޫގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަމުން އިއުލާނު ކުރެއްވި ގޮތަށް ފެން ކުންފުނިން ކުޅުދުއްފުޓާއި މާފުށީގެ ނަރުދަމާ އިން ނަގާ 100ރ. ގެ ބަދަލުގައި 70ރ. ނަގަން ނިންމާފައިވާ ކަމަށެވެ.
"ރައީސް ވިދާޅުވި ކުޅުދުއްފުށީގައި ނަގާ ރޭޓް 100ރ. އިން 30ރ. އަށް ކުޑަ ކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށް. މިކަން އެމްޑަބްލިއުއެސްސީގެ ބޯޑުގެ ލަފާގެ މަތިން މިހާރު މިވަނީ ކުޑަ ކޮށްފަ. މާފުށީގައިވެސް ނަގާ ރޭޓް މިވަނީ ކުޑަކޮށްފަ،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަރުދަމާގެ ހިދުމަތް ދިނުމަށް ކުރަންޖެހޭ ހަރަދުތަކަށް ބޮޑު ހޭދައެއް އެ ކުންފުނިން ކުރަމުންދާ ކަމަށާއި، ނަމަވެސް މި ބަދަލު ގެނެސްފައި މިވަނީ ރައީސްގެ އިސް ނެންގުމަކަށް ކަމަށެވެ.
"މާލޭގައި މި ފީއެއް ނުނަގަން. މި ކަމަކީ ވަރަށް ގިނަ ޝަކުވާތަކެއް އަންނަ ކަމެއް. މާލޭގައި ނުނަގައި ރަށްރަށުގައި ނަގާތީ،" ފަޒުލް ވިދާޅުވި އެވެ.
ނިއުސް ކޮންފަރެންސުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޒުލް ވިދާޅުވީ މި ބަދަލުގެ ސަބަބުން ހަމައެކަނި ކުޅުދުއްފުއްޓަށް ބެލި ނަމަވެސް އަހަރަކު 12 މިލިއަން ރުފިޔާ އެ ކުންފުނީގެ ފައިދާ އިން އުނިވާނެ ކަމަށެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެންގެ ފައިދާ ބޮޑު ކޮށް ދިޔައީ. ކުންފުންޏަށް ލިބޭ އަދަދުން މަހަކު އެއް މިލިއަން ގެއްލޭނެ. އަހަރަކަށް ބަލާނަމަ 12 މިލިއަން ގެއްލޭނެ. މިއީ އެންމެ ރަށެއްގެ ހިސާބު. ހަމައެކަނި ކުޅުދުއްފުށި. ނަމަވެސް ޕޮޕިއުލޭޝަންގެ ނިސްބަތުން މި އަދަދު ކުޑަ ވެގެންދާނެ،" ފަޒުލް ވިދާޅުވި އެވެ.
ފެން ކުންފުނިން ދަނީ މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ހިދުމަތް ދެމުންނެވެ. އަދި ގިނަ ރަށްރަށުގައި މުޅިން އަލަށް ގިނަ މަޝްރޫއުތަކެއްވެސް ހިންގަމުން ގެންދެ އެވެ.