- މަޝްރޫއުގެ އަގު 70 މިލިއަނަށްވުރެ މަތި
- އަންނަ އަހަރު މަސައްކަތް ފަށާނެ
- މަޝްރޫއު 2018 ގައި ނިމޭނެ
- އަމާޒު، ތިން ލައްކަ މީހުންގެ އާބާދީއަކަށް
ޖަންގްޝަންތައް ފުރިގެން، މާލޭގެ މަގުތަކަށް ނަޖިސް ލީކުވުން ހުއްޓުވަން ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ބޮޑު މަޝްރޫއެއް ފަށަން ނިންމައިފި އެވެ.
ފެން ކުންފުނި، އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ފަށާ 75 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުގެ 2018 ވަނަ އަހަރު ނިމޭނެ ކަމަށާއި، މި މަޝްރޫއު ނިމުމުން ކުރިއަށް އޮތް 50 އަހަރު ދުވަހަށް ބޭނުންވާ ކެޕޭސިޓީ ލިބޭނެ ކަމަށެވެ.
"މިހާރުގެ ނިޒާމު ގާއިމް ކޮށްފައިވަނީ 70،000 އާބާދީ އަށް ބަލައިގެން. ނަމަވެސް މިހާރު މާލޭގެ އާބާދީއަކީ 170000 އަށް އަރާފަ. އެހެންވެ މި މައްސަލަ ދިމާވަނީ،" ފަޒުލް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ މަޝްރޫއު ކުރުކޮށް
- އިތުރު ޝެލޯ ލައިން ތަކެއް އަޅާނެ
- ކުއްލި ހާލަތުގައި ބޭނުންކުރާނެ ނިޒާމެއް
- މުޅި މަޝްރޫއުގެ އަގު 75 މިލިއަން ރުފިޔާ
- އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފަށާނެ
ފެން ކުންފުނިން އަލަށް ފަށާ މަޝްރޫއުގެ ދަށުން މިހާރުގެ މައި ޖަންގްޝަންތަކުގެ މަތިން އިތުރު "ޝެލޯ ލައިނެއް" ލާނެ އެވެ. އަދި ޖަންގަޝަންތަކުގައި ބޭނުންކުރާ ޕަންޕްތަކުގެ ކެޕޭސިޓީ ވެސް އިތުރު ކޮށް ޕަންޕް ހަރު ކުރަން އިތުރު ދެ ލައިން އަޅާނެ އެވެ. މީގެ އިތުރުން މާލޭގައި އެންމެ ބާރު ބޮޑުވާ ދިމާތަކުގައި އިތުރު ލައިން ތަކެއް އަޅައި ތިން ސަރަހައްދެއްގައި ހޮޅި އަޅާނެ އެވެ.
މިގޮތުން މުޅި ޕްރޮޖެކްޓުގެ ދަށުން 1700 މީޓަރަށް ވުރެ ދިގު މިނުގެ ހޮޅި މުޅި މާލޭގައި އަޅާނެ އެވެ. މި ފަހަރުގެ ސިސްޓަމްގައި ގާއިމް ކުރަނީ ޕަންޕް ސްޓޭޝަންތަކުގައި ކުއްލި ހާލަތުގައި ބޭނުން ކުރާނެ ހާއްސަ ނިޒާމެއް ވެސް ހިމެނޭ ގޮތަށެވެ. މިގޮތުން ޖަންގްޝަންތައް ފުރުންފަދަ ހާލަތްތަކުގައި މި ލައިންތައް އޮޓަމެޓިކުން އެކްޓިވޭޓްވެ މާލޭގެ ސިނާއީ އަވަށާއި މަސްވެރިންގެ ޕާކު ސަރަހައްދުން ބޭރުވާނެ ގޮތަށް ނިޒާމު ގާމު ކުރާނެ އެވެ.