ހަބަރު

ގާޒީ ހައްޔަރު ކުރުމުގައި ސިފައިން ޒިންމާވާން ނުޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި: ޝިޔާމް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދު ކުރި މައްސަލައިގައި ސިފައިން ޒިންމާވާން ނުޖެހޭނެ ކަމަށް އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވިދާޅުވި ކަމަށް މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ އަހުމަދު ޝިޔާމް މިރޭ ކޯޓުގައި ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިރޭ ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެމުން ޝިޔާމް ވިދާޅުވީ ނަޝީދު އެގޮތަށް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން ސިފައިންގެ އިސް އޮފިސަރުންތަކަކާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. ނަޝީދު އެހެން ވިދާޅުވީ ގާޒީ ބަންދު ކުރުމާ ދެކޮޅަށް އެ ބައްދަލުވުމުގައި ބައިވެރިވި އޮފިސަރަކު ވާހަކަ ދެއްކެވުމުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ބަންދު ކުރުމުގެ ޒިންމާ ނަގަން ނުޖެހޭނެ ލިޔުމުން ދެއްވަން އެ އޮފިސަރު ނަޝީދުގެ ކިބައިން އެދުނު ކަމަށާއި އެ ލިޔުން ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ބަންދު ކުރުމުގެ ކުރިން ވެސް ސިފައިންގެ އިސް އޮފިސަރުންތަކަކާ އެކު އެ މައްސަލައިގައި ބައްދަލުވުމެއް ބޭއްވި ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވީ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނެވެ. އެ ބައްދަލުވުމުގައި ވެސް ގާޒީ ބަންދުކުރަން ނުފެންނަ ކަމަށް ގިނަ އޮފިސަރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ބަންދު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތާއި އޭރުގެ ރައީސް ނަޝީދެވެ. އެއީ އެ ދެ ބޭފުޅުންނަށް ނޭނގި އެފަދަ އޮޕަރޭޝަނެއް ނުހިންގޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމާ ސުވާލު ކުރުމުގެ ފުރުސަތު ނަޝީދުގެ ވަކީލުންނަށް ދިނުމުން ނަޝީދު އަމިއްލަފުޅަށް ތެދުވެ ވަޑައިގެން ވިދާޅުވީ އެމަނިކުފާނުގެ ފަރާތުން ޝިޔާމާ ކުރައްވާނެ ސުވާލެއް ނެތް ކަމަށެވެ. ޝިޔާމްގެ ހެކިބަސް ނެގުމުގެ ކުރިން ނަޝީދު ވަނީ ޝިޔާމަކީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ވާތީ އޭނާގެ ހެކިބަސް ނުނެގުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް އެއަށް ވަކި އެއްޗެއް ވިދާޅު ނުވެ ފަނޑިޔާރުން ހެކިބަސް ނެގުން ކުރިއަށް ގެންދިޔައީ އެވެ.

މިރޭ ދެން ހެކިބަސް ނެގީ އަބްދުﷲ ގާޒީ ގިރިފުށީގައި ހުރިއިރު އޭނާގެ ސިއްހީ ކަންކަން ބެލެހެއްޓި ސިފައިންގެ ޑޮކްޓަރު އަލީ ޝާހިދާއި އަބްދުﷲ ގާޒީގެ ވެލްފެއާ ކަންކަން ބެލެހެއްޓި އައިޝަތު ޒީނާގެ އެވެ. ނަމަވެސް އެ ދެ މީހުންގެ ހެކިބަހުގައި ނަޝީދާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުބުނެ އެވެ. ގާޒީ ގިރިފުށީގައި ހުރިއިރު އޭނާގެ ކަންކަން ބަލަހައްޓަމުން ދިޔަ ގޮތުގެ ވާހަކަތައް ފިޔަވައި އެހެން ވާހަކަތަކެއް އެ ދެ މީހުންގެ ހެކިބަހުގައި ނުބުނެ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ.