ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އާ ޕެސެންޖަރު ޓާމިނަލްގެ ޑިޒައިން މަސައްކަތް ނިމިއްޖެ

Oct 31, 2016
2
  • މަޝްރޫއުގެ އަގު 300 މިލިއަން ޑޮލަރު
  • ޓާމިނަލްގައި 40 ޑިޕާޗާ ގޭޓް ހުންނާނެ
  • ހަ އެއިރޯ ބްރިޖް،ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ

އިބްރާހިން ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އަޅާ، އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލް ޑިޒައިންގެ ކުރުމުގެ މަސައްކަތް "ގާތްގަނޑަކަށް ނިމިފައިވާ" ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އައިއެންއައިއޭ މާސްޓަ ޕްލޭންގެ މައުލޫމާތު ދިނުމަށް އެމްއޭސީއެލް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި އެ ކުންފުނީގެ އެމްޑީ އާދިލް މޫސާ ވިދާޅުވީ އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ ޑިޒައިން މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، މިހާރު ބައެއް ދިރާސާތައް ފަށާފައިވާ ކަމަށެވެ.

އައިއެންއައިއޭ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕަށް 300 މިލިއަން ޑޮލަރަށެވެ.

އެމްޑީ އާދިލް ވިދާޅުވީ މިހާރު ކުރަމުން ދަނީ އެ ކުންފުނިން މަސައްކަތް ކުރާ ސާމާނު ގެނައުމާއި، މުވައްޒަފުން ތިބޭނެ ތަންތަން ހެދުންފަދަ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

އައިއެންއައިއޭގެ އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް

  • 40 ޑީޕާޗާ ގޭޓް
  • 38 އިމިގްރޭޝަން ކައުންޓަރު
  • ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
  • ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
  • ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
  • ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
  • ފިއުލް ހައިޑްރެންޓް ސިސްޓަމް

އައިއެންއައިއޭގައި ތަރައްގީ ކުރާ ފުރިހަމަ ޓާމިނަލްގެ މަސައްކަތް ކުރަނީ ސައޫދީ ބިންލާދިން ގްރޫޕަށް ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ ހަރަދުވާއިރު، މަސައްކަތުގެ މުހިންމު ބައިތައް 2018 ވަނަ އަހަރު ނިންމާލާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.