ހަބަރު

ނާޒިމްގެ ވަކީލުން ވާހަކަ ދައްކަނީ ޕީޖީ އޮފީހުގެ އަގު ވައްޓާލަން: ޕީޖީ އޮފީސް

Mar 5, 2015

ކޯޓްތަކުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ކޯޓުން ބޭރުގައި މައްސަލައަށް ސީދާ އަސަރު ފޯރާ ގޮތަށް ހަސްމުން ތަމްސީލު ކުރާ ފަރާތަކުން ދައްކާ ވާހަކަތަކަށް ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިފަދަ ބަޔާނެއް ނެރުނީ ކުރީގެ ޑިފެންސް މިނިސްޓަރުގެ މައްޗަށް ކުރާ ދައުވާއަ ގުޅިގެން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ދައްކާފައިވާ ވާހަކަތަކަށް ދޭ ރައްދެއްގެ ގޮތުގައެވެ. އެ ބަޔާނުގައި ބުނެފައި  ވަނީ ނާޒިމްގެ ގާނޫނީ ވަކީލުން މީޑިއާގައި އޮޅުން އަރާ ގޮތަށް މައުލޫމާތު ފޯރުކޮށްދީފައި ވަނީ ކޯޓްގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން މައްސަލައަށް ސީދާ އަސަރު ފޯރާ ގޮތަށް ކަމަށް ދެކޭ ކަމަށެވެ.

ނަމަވެސް ނާޒިމްގެ ގާނޫނީ ވަކީލުން މީޑީއާ މެދުވެރިކޮށް ތަކުރާރުކޮށް ޕީޖީ އޮފީހުގެ އަގު ވެއްޓޭ ގޮތަށް ކުރާ ކޮންމެ ތުހުމަތުތަކަކަށް ޖަވާބުދާރީވަމުން ދިއުމަކީ މައްސަލަ ކޯޓްގައި އޮއްވާ ކުރެވެން އޮތް ކަމެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.

"ދެންނެވުނު މައްސަލާގައި މިހާތަނަށް އެއްވެސް ހެއްކެއް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައި ނުވާ އިރު ހެކިން ހުށަހެޅުން އަބަދުވެސް އޮންނަނީ ޝަރީއަތުން އެކަމަށް ފުރުސަތު ދެއްވުމުންނެވެ. އަދި ދައުވާ ލިބޭ ފަރާތުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުންނާއި އާންމުކޮށް އަމަލު ކުރާ އުސޫލުން ތަހުގީގަށް ބަޔާންދިން ފަރާތްތަކުގެ ބަޔާންތައް ހިމެނޭ ގޮތަށް މައްސަލައެއްގައި ހިމެނޭ އެންމެހާ ލިޔެކިޔުންތައް ކޯޓަށް ފޮނުވާފައިވާއިރު ހެއްކެއްގެ ގޮތު ވަކި ރިޕޯޓެއް ޝަރީއަތަށް ހުށަހެޅުމުގެ ކުރިން އެ ރިޕޯޓާމެދު ޝަރީއަތުގައި މައްސަލައިގައި ހިމެނޭ ދެ ފަރާތުން ސުވާލުކޮށް ހެކި ތައުނުކޮށް މުނާގަޝާ ކުރުމުގެ ކުރިން ހެކީގެ ބާރު ކެނޑޭ ގޮތަށް ވާހަކަ ދައްކާ ނުސީދާ ތުހުމަތުތަކެއް ކޮށްފައިވުމަކީ މައްސަލައަށް ސީދާ އަސާރު ކުރާނެ ކަމަކަށް ނޫނީ ނުވާނެ އެވެ،" ބަޔާނުގައި ވެއެވެ.

ޕީޖީގެ ބަޔާނުގައި ބުނަނީ ގާނޫނު އަސާސީ ކަށަވަރުކޮށްދޭ ހައްގުތަކުގެ ތެރެއިން ކުށުގެ ދައުވާ އުފުލިފައވާ މީހަކަށް ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަސީލަތްތައް ދިނުމުގެ ތެރެއިން ހެކިން ތަހުގީގަށް ދީފައިވާ ބަޔާންތަކުން އެ ބަޔާން ދެނީ ކާކުކަން ނޭނގޭ ގޮތަށް ނަން ސިއްރު ކުރުމާއި އެއް ހާޒިރު ނުވާ ގޮތަށް ހެކިބަސް ނެގުމަކީ ދައުވާ އުފުލާ މީހާއަށް ހެކިބަސް ދެނީ ކޮން ފަރާތެއްކަން އެނގިއްޖެ ނަމަ ގިނ ގޮތްގޮތުން އުނދަގުލާއި ޖިސްމާނީ އަނިޔާތަކެއްވުން ގާތްކަމަކަށްވެ، އޭގެ ސަބަބުން ބޮޑެތި މާރާމާރީތައް ފަދަ ޖަރީމާތައް ހިންގާފާނެ ކަމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަނަމަ ޝަރީއަތް އިންސާފުވެރިކޮށް ގެންދިއުމުގެ ބޭނުމުގައި ހެކިން ތަހުގީގަށް ދިީފައިވާ ބަޔާންތައް ދައުވާ އުފުލިފައިވާ ފަރާތަށް ސިއްރުކޮށް، ކޮން ފަރާތެއްކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދިނުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުންނާއި ކޯޓްތަކުގެ އިސްތިގްރާރުވެފައިވާ އަސާސެއް ކަމަށެވެ.