ހަބަރު

ޒާހިލްއަށް އެހީވުން އާސަންދައިން ހުއްޓައެއް ނުލާ! އަދިވެސް ލިބޭނެ

ގޮތް ނޭނގޭ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ އިބްރާހިމް ޒާހިލް އަށް އެހީ ނުދޭނެ ކަމަށް އާސަންދައިން ނުބުނާ ކަމަށާއި، ބެންކޮކަށް ދާން ނިންމީ އެންމެ ފަހުން އާސަންދަ މެދުވެރިކޮށް އިންޑިއާއިން ފަރުވާ ހޯދި ހޮސްޕިޓަލުން ޒާހިލް އަށް ދޭނެ އާ ފަރުވާއެއް ނެތް ކަމަށް ބުނުމުން އިތުރު ގޮތެއް ފެނޭތޯ ކަމަށް ޒާހިލްގެ އާއިލާއިން ބުނެފި އެވެ.

ޒާހިލް އަށް އެހީ ދެވެން ނެތްކަމަށް އާސަންދައިން ބުނިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޒާހިލްގެ ބައްޕަ މުހައްމަދު ރަޝީދު ބުނީ، އެހީ ނުދެވޭނެ ކަމަށް އާސަންދައިން އެއް އިރެއްގައިވެސް އަންގާފައި ނެތް ކަމަށާއި އެއްވެސް ތަނެއްގައި ވެސް އެހެން ނުބުނާ ކަމަށެވެ.

ނަމަވެސް އާސަންދަ މެދުވެރިކޮށް މިދިޔަ ތިން މަހު ފަރުވާ ހޯދަމުންދިޔަ އިންޑިއާގެ ކިމްސް ހޮސްޕިޓަލުން، ޒާހިލްއަށް ދޭނެ "އާ ފަރުވާއެއް" ނެތް ކަމަށް ބުނުމުން، އެ ބައްޔަށް އިތުރު ފަރުވާއެއް އޮތް ތޯ ބެލުމަށް އާއިލާއިން ޒާހިލްގެ ލިޔެކިޔުން އެކި ގައުމުތަކުގެ ހޮސްޕިޓަލްތަކަށް ހުށަހެޅި ކަމަށް އޭނާ އޭނާގެ ބައްޕަ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެ ބައްޔަށް ފަރުވާއެއް އެބައޮތް ކަމަށް ބުނީ ތައިލެންޑުގެ ހޮސްޕިޓަލަކުން އެކަނި ކަމަށެވެ. ތައިލެންޑަށް ދާން އެ އާއިލާއިން ނިންމައި އަމިއްލަ ގޮތުން އެކަމަށް ފައިސާ ހޯދަން މަސައްކަތް ފެށީ ވެސް އެ ސަބަބާ ހުރެ އެވެ.

އޭނާ ބުނި ގޮތުގައި އާސަންދައިގެ އުސޫލު އޮންނަ ގޮތުން އެ ސްކީމްގެ ދަށުން ފަރުވާލިބެނީ ލަންކާ އާއި އިންޑިއާގެ ހޮސްޕިޓަލްތަކަށް ކަން އެނގުމުން އާސަންދަ މެދުވެރިކޮށް ބޭރަށް ދެވޭތޯ އިތުރަށް މަސައްކަތެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އާއިލާއިން މަސައްކަތް ކުރަނީ ހެޔޮ އެދޭ އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދަން ކަމަށް ވެސް އޭނާ ބުންޏެވެ.

"ސިޓީ ހުށަހެޅި ހޮސްޕިޓަލެއް ތައިލެންޑްގެ މި ހޮސްޕިޓަލަކީ. އެ ހޮސްޕިޓަލުން ބުނީ ފަރުވާ ދެވިދާނެ ކަމަށް. އެކަމަކު ރަނގަޅުވާނެ ކަމުގެ ޔަގީން ކަމެއް ނުދޭ. ނަމަވެސް ކިރިޔާވެސް އުންމީދެއް އޮއްވާ އަޅުގަނޑުމެން ދާން ބޭނުންވާނެތާ؟ އާސަންދައިން އެހީ ނުދޭނަމޭ ބުނި ކަމަށް އަޅުގަނޑެއް ނުބުނަން. އެއީ އާސަންދައިން މި ދިޔަ ދެ އަހަރުވެސް އަޅުގަނޑުމެން ފަރުވާ ހޯދަމުން އައީ. އަޅުގަނޑު ބުނީ އާސަންދައިން ބުންޏޭ އާސަންދަ ހިދުމަތް ފޯރަނީ އިންޑިއާ އާއި ލަންކާގެ ހޮސްޕިޓަލް ތަކަށޭ،" މުހައްމަދު ބުންޏެވެ.

ބެންކޮކްގެ ހޮސްޕިޓަލަށް އާސަންދަ ކަވާ ނުކުރާކަން އެނގުމުން އެހީ ހޯދަން ސިޓީއެއްވެސް އަދި ފޯމެއްވެސް ނުލާކަމަށް މުހައްމަދު ބުންޏެވެ.

މި މައްސަލާގައި ކަންބޮޑުވެފައިވާ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު މިއަދު "އަވަސް" އަށް ވިދާޅުވީ، އިބްރާހިމް ޒާހިލްގެ މައްސަލާގައި އާސަންދައިން އެހީ ދެވެން ނެތް ކަމަށް ބުނެކޮށްފައިވާ ރިޕޯޓްގައި ހަގީގަތެއް ނެތް ކަމަށެވެ. އެގޮތަށް ހަބަރު ފެތުރުމުގެ ސަބަބުން އެ ކުންފުންޏާމެދު ވަރަށް ބޮޑަށް ސުވާލު އުފެދިގެން ގޮސްފައިވާ ކަމަށާއި، އާސަންދައަކީ އެއްވެސް އިރެއްގައި އެހީ ދެވެން އޮތް ދާއިރާއެއްގެ ތެރެއިން އެހީއަށް އެދޭ އެއްވެސް މީހަކަށް ފުރަގަސްދޭ ކުންފުންޏެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ޒާހިލްގެ މައްސަލައަށް ބަލާނަމަ، ފާއިތުވި ދެ އަހަރުތެރޭގައި ވެސް ޒާހިލްގެ ބޭސް ފަރުވާއަށް އާސަންދަ މެދުވެރިކޮށް ރާއްޖޭން ބޭރަށް ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ހަރަދެއް ކޮށްފައިވާއިރު، ދެންވެސް އެ ހަރަދު ހުއްޓާލަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ޒާހިލްގެ އާއިލާއަށް ވެސް ރާއްޖެ އަންނަން އެއް އިރެއްގައި ވެސް ނާންގާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އިންޑިއާ އަކީ މި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްދޭ ނެޓްވޯކް. ޒާހިލް އަށް އެންމެ ފަހުން ވެސް ފަރުވާ ދެމުން އައީ ޓްރިވަންޑްރަމްގެ ހުރި އެންމެ މޮޅު ހޮސްޕިޓަލް ކިމްސް އިން. އެ ހޮސްޕިޓަލުން ޒާހިލްއަށް ދޭނެ އާ ފަރުވާއެއް ނެތް ކަމަށް ބުނުމުން، އެކަން ވެސް ޑޮކްޓަރު މެދުވެރިކޮށް މިކޮޅަށް އެންގުމަކީ ކުރަންޖެހޭ ކަމެއް. އެގޮތަށް ހެދުމުން އަޅުގަނޑުމެން މި ފޮނުވަނީ އިންޑިއާގެ ބޮޑެތި ރިސާޗް ސެންޓަރު ތަކަށް ދެން ކުރަންޖެހޭ ފަރުވާއަކީ ކޮބައިތޯ ހޯދަން. އެ ރިސާޗަށް ބިނާކޮށް، ދެން އެންމެ ރަނގަޅު ފަރުވާއެއް ދޭން ބަލި މީހާ އަނެއްކާވެސް މި ފޮނުވަނީ އެ ފަރުވާއެއް ލިބެންހުރި އެންމެ ރަނގަޅު ތަނަކަށް،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޒާހިލް އަށް އެ ހޮސްޕިޓަލުން ދޭނެ އާ ފަރުވާއެއް ނެތްކަމަށް ބުނެ ޑޮކްޓަރު ސޮއިކޮށް ހޮސްޕިޓަލުން ދޭ ލިޔުން ޑޮކްޓަރު މެދުވެރިކޮށް ނަމަވެސް، އަދި އަމިއްލަޔަށް ނަމަވެސް އެންސްޕާއަށް ހުށަހެޅި ނަމަ އާސަންދައިގެ ތެރެއިން ފަރުވާކުރެވެން ނެތަސް އެންސްޕާއިން އެހީ ދޭނެ ކަމަށެވެ.

"މީގައި މި އުޅެނީ އަސްލު ޗޮއިސް އެއް. ޒާހިލްގެ ބައްޕަ ބެންކޮކަށް ދާން ބޭނުންވާތީ އެގޮތް ހިޔާރުކޮށްފަ އެވަނީ. ފަހަރެއްގައިވެސް އާސަންދައިން އެމީހުން ދޫކޮށްލީއެއް ނޫން. ބޮޑަށް ލަފާކުރެވެނީ އާސަންދައާ މެދު ހަބަރު އެހާ ނެގެޓިވްކޮށް އައިސްފައި އޮތީ އާއިލާއިން ބުނި ބަހެއް މީޑިއާއަށް ގޯސްކޮށް ނެގުނީމަ ހެން. އެހެން ނަމަވެސް އަޅުގަނޑުމެން އާއިލާ ކުއްވެރިއެއް ނުކުރަން، އަޅުގަނޑުމެން އެދެނީ ޒާހިލްގެ އާއިލާއިން ކުރަމުން އެދާ މަސައްކަތް ކާމިޔާބުވެ، ޒާހިލްއަށް ހެޔޮ ގޮތް ވުން،" މައުމޫން ވިދާޅުވި އެވެ.