ހަބަރު

ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެ

ބަރޮސް ރިސޯޓް ކައިރީގައި ޑައިވިން ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރު ވެއްޖެ އެވެ.

ބަރޮސް ރިސޯޓްގެ ޑައިވިން ދޯންޏާއި އެ ރިސޯޓްގައި ދުއްވާ ލޯންޗެއް ޖެހިގެން މިއަދު ހެނދުނު 11:40 އެހާ ހާއިރު، ހިނގި އެ ހާދިސާގައި މަރުވީ ޑައިވިން ދޯނި ދުއްވަން ހުރި މީހާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ މަރުވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ކަމަށް ފުލުހުން ބުންޏެވެ. މަރުވި މީހާ އަކީ ދިވެއްސެކެވެ. ނަމަވެސް އޭނާއާ ގުޅޭ އިތުރު މައުލޫމާތު ސާފުވާ ގޮތެއް ނުވި އެވެ.

 ލޯންޗްގައި ތިބި ޗައިނާގެ ދެ ޓޫރިސްޓަކަށް ވެސް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ. އެކްސިޑެންޓްގައި ޑައިވިން ދޯނި ހަލާކުވެ ބޮޑުބައެއް ވަނީ މިހާރު އެ ސަރަހައްދަށް އަޑިއަށް ގޮސްފަ އެވެ. އެކްސިޑެންޓްވި، ދޯނި ނެގުމަށާއި މައްސަލަ ތަހުގީގު ކުރުމަށް އެ ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޭޑީކޭގައި ވެސް ފުލުހުންގެ ޓީމެއް އެބަ ހަރަކާތްތެރިވެ އެވެ.