އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަން ހަމަޖެހުނު ދަތުރުފުޅު ކެންސަލް ކުރުމާ މިހާރު ހިނގަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝަރީއަތާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
އެ ދަތުރުފުޅު ކެންސަލްވިކަން ކަށަވަރުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދަތުރުފުޅު ފަސް ކުރީ، ދަތުރަށް ތައްޔާރުވުމަށް ދެ ގައުމުން ވެސް ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. އަދި އެ ދަތުރު ކެންސަލް ކުރުމާއި ރައީސް ނަޝީދުގެ ޝަރީއަތާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެ، މުއާޒު ވިދާޅުވީ މިއީ ދެ ސަރުކާރުން ވާހަކަ ދައްކައިގެން އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ރަސްމީ ޓްވީޓްގައި ބުނެފައި ވަނީ މޯދީގެ ދަތުރުފުޅު ކެންސަލް ކުރީ އެ ދަތުރަށް ތައްޔާރީތައް ވުމަށް ވަގުތު ބޭނުންވާތީ ކަމަށެވެ. އަދި އެގޮތަށް ނިންމީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށް އެއްބަސްވެގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"އެ ދަތުރުފުޅު ދެން އޮންނާނެ ތާރީހެއް ފަހުން އިއުލާން ކުރެވޭނެ އެވެ،" ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
ރާއްޖޭގެ އިތުރުން މޯދީ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި އޮތީ، ސްރީލަންކާ ސީޝެލްސް އަދި މޮރިޝަސް އަށެވެ. ނަމަވެސް އިންޑިއާގެ ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ވާ ގޮތުން މޯދީ ވަޑައިގަންނަވާނީ ސްރީލަންކާ ސީޝެލްސް އަދި މޮރިޝަސް އަށެވެ. އަދި ރާއްޖޭގެ ނަމެއް ހިމެނިފައެއް ނުވެ އެވެ. ރާއްޖޭގެ ހިނގަމުން އަންނަ ސިޔާސީ ކަންކަމާ ގުޅިގެން މޯދީގެ ދަތުރުފުޅު ކެންސަލް ވެދާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން އަޑުފަތުރާފައިވެ އެވެ. ނަމަވެސް އެކަން މިހާތަނަށް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.