ދުނިޔެ

ދިވެހިން ހަނގުރާމައަށް ދާ ނުސްރާ ފްރަންޓުގެ އިސް ކޮމާންޑަރު މަރާލައިފި

Mar 6, 2015

ސީރިއާ ހަނގުރާމާގައި ބައިވެރިވާ ދިވެހިން ނިސްބަތްވާ ޖަބްހަތުއް ނުސްރާ (ނުސްރާ ފްރަންޓް)ގެ އެންމެ އިސް ކޮމާންޑަރު މަރާލައިފި އެވެ.

ނުސްރާ ފްރަންޓުގެ ތަރުޖަމާނު އަބޫ އަނަސް އަލް ޝާމީއާ ހަވާލާދީ ހަނގުރާމަވެރިންގެ ވެބްސައިޓުތަކުގައި މިއަދު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެ ވެބްސައިޓްތަކުގައި ބުނެފައި ވަނީ ނުސްރާ ފްރަންޓުގެ އެންމެ އިސް ފީލްޑް ކޮމާންޑަރު އަބޫ ހުމާމް އައް ޝާމީ މަރުވެފައި ވަނީ ބުރާސްފަތި ދުވަހު ސީރިއާގެ ހުޅަނގު ސަރަހައްދަށް ދިން ވައިގެ ހަމަލާތަކެއްގައި ކަމަށެވެ.

އަބޫ ހުމާމް މަރުުވެފައިވާ ކަމަށް އެންމެ ފުރަތަމަ ބުނެފައި ވަނީ ސީރިއާގެ ރަސްމީ ނިއުސް އެޖެންސީ ސަނާ އިން އިއްޔެ އެވެ. އަދި ސީރިއާގެ ދާހިލީ ހަނގުރާމައިގެ ކަންކަން ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވެސް އެކަން ރިޕޯޓްކޮށްފައިވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ނުސްރާ ފްރަންޓުގެ ލީޑަޝިޕްގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ދިން ހަމަލާގައި އިސް އެހެން ބައެއް ލީޑަރުން ވެސް ވަނީ މަރުވެފަ އެވެ ނަމަވެސް އެކަން އަދި ކަށަވަރެއް ނޫނެވެ.

ނުސްރާ ފްރަންޓުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަނީ އަބޫ މުހައްމަދު އަލް ގުލާނީ އެވެ. އޭނާއާ ބެހޭ ވާހަކައެއް ނުސްރާ ފްރަންޓުން ނުބުނެ އެވެ. ނަމަވެސް އިސް ކޮމާންޑަރުގެ އިތުުރުން ތިން މީހަކު މަރުވި ކަމަށް ވަނީ ބުނެފަ އެވެ.

ބުރާސްފަތި ދުވަހު ވައިގެ ހަމަލާތައް ދިނީ ކޮން ބަޔަކު ކަމެއް ވެސް އަދި ނޭނގެ އެވެ. ސީރިއާ ސިފައިންނާއި އަރަބި ބައެއް ގައުމުތަކުގެ އިތުރުން ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް ސީރިއާގައި ހަމަލާދެ އެވެ.

ނުސްރާ ފްރަންޓަކީ އަލްގާއިދާއާ ގުޅުން އޮންނަ ޖަމާއަތެކެވެ. ދިވެހިންގެ އެތައް ބަޔަކު ސީރިއާ ގޮސް ހަނގުރާމާގައި ބައިވެރިވާ އިރު ގާތްގަނޑަކަށް އެ ހުރިހާ ދިވެހިން ވެސް ބައިވެރިވަނީ ނުސްރާ ފްރަންޓާ އެވެ. ސީރިއާގައި ފަންސާހަކަށް ދިވެހިން ހަނގުރާމާގައި އުޅޭ ކަމަށް ބެލެވެ އެވެ.