އާދަމް ޝަރީފު އުމަރު

"ސުލްހަ ދަމަހައްޓަން ގާނޫނީ ވެރިކަމަށް އެއްބާރުލުން ދޭންޖެހޭ"

ގައުމު ހިމާޔަތް ކުރަން އަތާ އަތްގުޅާލައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރަށް އެއްބާރުލުން ދޭން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއަށް 28 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ އެމްއެންޑީއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ނަސްރުންގެ ދުވަސް ފަދަ މުނާސަބަތެއްގައި، ގައުމަށް ކުރިން ދީފައިވާ އެކި ކަހަލަ ހަމަލާތައް ހިޔާލަށް ގެނެސް، ގައުމުގެ އިސްތިގުލާލާއި އަމަން އަމާންކަން ރައްކާތެރިގޮތެއްގައި ދެމެހެއްޓޭނެ މާހައުލެއް މި ގައުމުގައި ގާއިމްކުރެވޭނެ ގޮތަކާމެދު ފުންކޮށް ވިސްނައި ފިކުރުކުރަންޖެހޭ ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރަށް އެއްބާރުލުން ދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ސިފައިންނާ މުހާތަބުކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުން މިއަދު ފެންނަމުންދާ މަންޒަރުތަކާ މެދު ދިވެހި ސިފައިން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށާއި ސިފައިން އެކަންކަމަށް ވިސްނަން ޖެހެނީ ކޮށްގެންތިބި ހުވަޔާ އެއްގޮތަށް ޒިންމާ އަދާކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހި ސިފައިންނަކީ ގާނޫނީ އަދި ދީނީ ހުވައެއް ކޮށްގެންތިބި ވަރަށް ބޮޑެތި ގައުމީ ހިދުމަތްތަކެއް ކޮށްދޭ ބައެއް. ސިފައިންގެ ހުވާގައި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ އިސްލާމްދީން ދިފާއު ކުރުމުގައި އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ދެމިތިބެ ދުޝްމަނުންނާ އަދާވާތްތެރިންގެ ކިބައިން ރާއްޖެ ސަލާމަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވާންޖެހޭ ހާލަތްތަކުގައި ގުރުބާންވާން ފަސްނުޖެހޭނެ ކަމަށް އޮވޭ،" އެހެންކަމުން އަމިއްލަ ޖަޒުބާތަށްވުރެ ބޮޑަށް އެ ހުވާގެ މަތީގައި ދެމިތިބޭ ބަޔަކަށް ސިފައިން ވާންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ދިވެހިންނަށް ލިބުނު އެންމެ ބޮޑު އިބުރަތަކީ އަމިއްލަ އެދުމަށްޓަކައި ގައުމަށް ގައްދާރުވާ އެއްވެސް ހާއިނަކަށް މި ދިވެހި ފަސްގަނޑުން ޖާގައެއް ނެތް ކަމެވެ. މާތްވި އިސްލާމްދީނުގެ ހައްގުގައި ކޮންމެ ފަދަ ގުރުބާނީއެއް ވާން ޖެހުނަސް ދިވެހިން ފަސްނުޖެހޭނެ ކަމެވެ.

ރާއްޖޭގެ ތާރީހުގައި ވެސް، ރަސްކަމުގެ ކޮއިލުގެ ތެރޭގައި ހަމަނުޖެހުމާއި ގަޑުބަޑު ހިނގާފައިވާކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މިފަހުގެ ހާލަތަށް ބަލާއިރު ވެސް ފެންނަނީ އެއިރެއްގެ ވެރިއަކަށް ހުންނަވާ ބޭފުޅަކާ ކޮންމެވެސް ބަޔަކު ތޮޅެ، ސުލްހަ މަސަލަސްކަން ނަގާލަން ބަޔަކު މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. ވެރިކަމުގެ ތެރޭގައި އުފެދޭ އެފަދަ ފިތުނަ ތަކުން އޭރުވެސް، އަދި މިހާރުވެސް ގައުމަށް ވަރަށް ބޮޑެތި ގެއްލުންވާ ކަމަށެވެ.