ލައިފްސްޓައިލް

ޕައުންޑު ފިޓްނަސް ތައާރަފު ކުރުން މާދަމާ ރޭ: ބައިވެރިވުން ހިލޭ!

Nov 3, 2016
  • މާދަމާ ރޭ 7:30 އިން 10:30 އަށް
  • އިވެންޓް އޮތީ ވިލާ ކޮލެޖުގައި
  • ރާއްޖެއަށް އާ ޕްރޮގްރާމެއް

ރާއްޖެ އަށް މުޅިން އަލަށް ޝީ- ފިޓްނަސް އިން "ޕައުންޑު ފިޓްނަސް" ޕްރޮގްރާމް ތައާރަފުކުރަން މާދަމާރޭ ހާއްސަ ހަރަކާތެއް ބާއްވާނެ އެވެ.

ޝީ- ފިޓްނަސް ޖިމްގެ އޯނަރު އަދި ފިޓްނަސް އިންސްޓްރަކްޓާ އައިޝަތު ޝީނީޒް ބުނީ މާދަމާ ރޭ 7:30 އިން 10:30 އަށް ވިލާ ކޮލެޖުގައި އޮންނަ މި ހަރަކާތުގައި އާއްމުކޮށް ބައިވެރިވޭނެ ކަމަށެވެ.

"ބޭނުންވާ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހިލޭ އޮންނާނެ،" ޝީނީޒް ބުންޏެވެ.

"ޕައުންޑް" ފިޓްނަސްއަކީ އާއްމު ފިޓްނަސް ޕްރޮގްރާމްތަކާ ވަރަށް ތަފާތު ހަރަކާތެވެ. މި ފިޓްނަސް ޕްރޮގްރާމު ފަރުމާކޮށްފައިވަނީ ޑްރަމް ޖަހަން ބޭނުން ކުރާ ސްޓިކުން ކަސްރަތު ކުރާ ގޮތަށެވެ. ޑްރަމް ސްޓިކް ބޭނުންކޮށްގެން ހަށިގަނޑަށް އެކި މޫވްމެންޓްތައް ގެނެސް، ހަށިގަނޑުގެ ވަކިވަކި ގުނަވަންތަކަށް ކަސްރަތު ލިއްބައިދެ އެވެ. މި ޕްރޮގްރާމް އާއްމު ގޮތެއްގައި ނަގައިދެނީ 45 މިނެޓަށެވެ. ނަމަވެސް ޕްރޮގްރާމް ނިމޭއިރު ހަށިގަނޑުން ގާތްގަނޑަކަށް 900 ކެލޮރީޒް އަންދާލާ ކަމަށްވެ އެވެ. މި ޕްރޮގްރާމްގެ ހަރަކާތްތައް ގެންނަ ގޮތުން ބަނޑުގެ ސައިޑަށާއި، މުޅި ހަށިގަނޑަށް ވަރަށް ފައިދާ ކުރެ އެވެ.

ޝީނީޒް ބުނީ ފައުންޑް ފިޓްނަސް ރާއްޖެ އަށް ތައާރަފުކުރާއިރު، މި ޕްރޮގްރާމް އޭޝިޔާ އަށް ވެސް ތައާރަފު ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

"މި ޕްރޮގްރާމަކީ އެމެރިކާގެ އެއްޗެއް. މި ޕްރޮގްރާމް އަދި އޭޝިޔާ އަކަށް ނުގެނޭ. އެހެންވެ މިއީ އޭޝިޔާއަށް ވެސް މި އަންނަ ފުރަތަމަ ފަހަރު،" ޝީނީޒް ބުންޏެވެ.

ފަރީދީ ހިނގުން، މ. ޑީޕްލައިޓްގައި ހުންނަ ޝީ ފިޓްނަސްއަކީ ހަމައެކަނި އަންހެން ކުދިންނަށް ހާއްސަ ތަނެކެވެ. މި ތަނުގައި ޕައުންޓް ފިޓްނަސް ކަސްރަތު ޕްރޮގްރާމް ނަގައި ދެނީ ހާއްސަކޮށް ރާއްޖޭން ބޭރުން ތަމްރީން ލިބިފައި ތިބި އިންސްޓްރަކްޓަރުންނެވެ. މި ޖިމްގައި ޕައުންޑް ފިޓްނަސްގެ އިތުރުން، އެހެން ޕްރޮގްރާމްތައްވެސް ހިންގަ އެވެ.