ވިޔަފާރި

އައިޓީބީ އޮފިޝަލް ސްޕޮންސަރަށްވުމުން ރާއްޖެ އާއަމާޒެއް ހިފައިފި

ޖަރުމަނުގައި އަންނަ އަހަރު ބާއްވާ "އައިޓީބީ ފެއާ" ގެ އޮފިޝަލް ސްޕޮންސަރަކަށް ރާއްޖެ ހަމަޖެހުމާއެކު އަހަރު ދުވަހުގެ ތެރޭ 1.9 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒެއް ހިފައިފި އެވެ.

ޖަރުމަނުގައި މި މަހުގެ 4 އިން 8 އަށް މިހާރު ކުރިއަށްދާ ފެއާގައި އިންޓަނޭޝަނަލް މީޑިއާއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ހަލީލު ވިދާޅުވީ އައިޓީބީގެ އޮފިޝަލް ސްޕޮންސަރަކަށް ރާއްޖެ ހަމަޖެހުމުގެ ސަބަބުން ރާއްޖެ އިސްތިހާރުވެ، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭން މިޑް މާކެޓަށް ހާއްސަކޮށްގެން ގިނަ އެނދުތަކެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަމާޒަކީ ޖަރުމަނާއި ޔޫރަޕުން އަންނަ މިޑް މާކެޓު ޓޫރިސްޓުން އިތުރު ކުރުން،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިޑް މާކެޓުގެ އެނދު އިތުރުކުުރުމަށް ހާއްސަކޮށްގެން ސަރުކާރުން ފަށާފައިވާ ގެސްޓް ހައުސް އައިލެންޑް (ތުނބުރި މަޝްރޫއު) ގެ ދަށުން 20-30 ހޮޓާ ތަރައްގީ ކުރާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން 4،000 ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވީ ލުފްތަންސާ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުން ޓޫރިޒަމަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށެވެ.

ބާލިން ފެއާގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގައި މި އަހަރު ރާއްޖޭގެ 72 ކުންފުންޏެއް ބައިވެރިވެފައިވެ އެވެ. މި ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. ޖަރުމަނަކީ ރާއްޖޭގެ އެންމެ އުންމީދީ އެއް މާކެޓެވެ. އެ ގައުމުން މިދިޔަ އަހަރު 98،323 ޓޫރިސްޓުން އައިސްފައިވެ އެވެ.